ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުން ހަސަން ޒަރީރު އިސްތިއުފާ ދެއްވައިފިއެވެ.

ހަސަން ޒަރީރަކީ ކޮމިޝަނަރާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ ބޭފުޅެވެ. ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ތ. ތިމަރަފުށި ދާއިރާ އަށް ވާދަކުރެއްވުމަށް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ބޭންކުން ބުނީ، ޒަރީރު ޗެއާމަން ކަމުން އިއްތިސުފާ ދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރުމަށް އޭނާ އަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާތީ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ ކުރީގެ ޓެކްސް ކޮމިޝަނަރު ޔަޒީދުގެ އިތުރުން ޒަރީރުގެ ނަމެވެ. މި ދެ ބޭފުޅުންނާ ވަކިވަކިން އިންޓަވިއުކުރުމަށް ފަހު، އެސްއޯއީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްވީ ޒަރީރުގެ ނަމެވެ.

ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމަށް ޒަރީރު އައްޔަންކޮށްފައި ވަނީ މާޗް 25، 2024 ގައެވެ. ސަރުކާރުން އައްޔަންކުރާ އަށް މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ހޮވާ ތިން މެންބަރުންނާ އެކު ބޭންކުގެ ބޯޑު އެކުލެވިގެން ވަނީ ޖުމްލަ 11 މެންބަރުންގެ މައްޗަށެވެ.