20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ނާޒިމް ހޮވަން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ މިއަދު މުލިއާގޭގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ނިމިދިޔަ މަޖިލީސް އިންތިހާބުން މަޖިލީހުގެ ގޮނޑިތަކަށް ހޮވިވަޑައިގެންނެވި މެންބަރުންނާއި ކެބިނެޓްގެ ވަޒީރުން ބައިވެރިވަޑައިގެންނެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިސް ފެށޭނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
އަދުރޭ ވަނީ މީގެ ކުރިން މަޖިލިސް ރައީސްކަމުގެ އިންތިހާބު ކާމިޔާބުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެ ޔަގީންކަން އަދުރޭ ދެއްވާފައިވަނީ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ލ. ފޮނަދޫގައި ބޭއްވި ބައްދަލުވުމެއްގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން މަޖިލިސް އިންތިހާބުގެ ނަތީޖާއަށްވުރެ ފޮނަދޫ ރައްޔިތުން އުފާވާނެ ދުވަހެއް އަދި ކުރިމަގުގައި އަންނާނެކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ. އަދި އެދުވަސް ވެގެންދާނީ ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ދުވަހަކަށްކަންކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް ސުޕާ މެޖޯރިޓީ އާއެކު މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ކާމިޔާބުކޮށްފައިވާއިރު އެ ޕާޓީން ބޭނުންވާ ބޭފުޅަކަށް އެ މަޖިލިހުގެ ރައީސްކަމާއި ނައިބު ރައީސްކަން ލިބޭނެއެވެ.
މަޖިލިސް ރައީސް ކަމަށް ބޭފުޅަކު އައްޔަން ކުރާނީ މޭ 28 ވަނަ ދުވަހު މެންބަރުން ހުވާ ކުރެއްވުމަށްފަހު މަޖިލީހުގެ ރައީސްއާއި ނައިބުރައީސް ހޮވުމަށް މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓުންނެވެ.
މަރުހަބާ އަބުދުއްރަހީމް މަރުހަބާ ނާޒިމް