މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަން، އައިޝާ ނޫރައިން ޖަނާހް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ނޫރައިން މަގާމުން އިސްތިއުފާ ދެއްވާފައިވާކަން 'ދަ ޕްރެސް' އަށް އެނގިފައި ވާއިރު އޭނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ.

އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން އައްޔަން ކުރީ ޑިސެމްބަރު 27، 2023 ގައެވެ. އޭނާ އަކީ އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރި ފުރަތަމަ ފަރާތްވެސް މެއެވެ.

ނޫރައިން އާންމުންގެ ތެރޭގައި މި ފަހުން މަގްބޫލުވެގެން ދިޔަައީ ދުބާއީގައި އޮތް ވޯލްޑް ޓްރެވަލް އެވޯޑްސް ހަފްލާގައި މީޑިއާ އަށް އިނގިރޭސި ބަހުން ދެއްވި އިންޓަވިއުއެއްގައި އެ ބަހަށް ފަރިތަކަން ދެއްކެވުމާ ގުޅިގެންނެވެ. އެ އިންޓަވިއުއާ ގުޅިގެން ގިނަ ބަޔަކު ވަނީ ނޫރައިން އަށް ތައުރީފް ކޮށްފައެވެ. އެކަމުގެ ސަބަބުން ނޫރައިން ބޭރުގެ އެއްވެސް އިވެންޓެއްގައި ބައިވެރި ނުކުރުމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު ފައިސަލް އަންގަވާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓް ކުރި ނަމަވެސް އެ ތުހުމަތުތައް މިނިސްޓަރު ވަނީ ދޮގު ކުރައްވާފައެވެ.

ނޫރައިން އަކީ ޕްރިންސިޕަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު އަލީ ޖަނާހްގެ ދޮށީ ދަރިކަނބަލުންނެވެ. ހަޔާތުގެ ގިނަ އަހަރުތަކެއް ނިއުޒިލޭންޑްގައި ހޭދަކުރައްވާފައިވާ ނޫރައިން އަކީ އެގައުމުގައި ވެސް އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

އަދި އޭނާ އަކީ 10 އަހަރު ދުވަހުގެ މެނޭޖްމަންޓް ތަޖުރިބާ ހުންނެވި ޗާޓާޑް އެކައުންޓެންޓެކެވެ. އޭނާ އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރެއްވީ އޯކްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އިންނެވެ.

ނޫރައިން ވަނީ 2015 ވަނަ އަހަރު "ވެެއިޓްމަޓާ ލޯކަލް ބޯޑް ގޫޑް ސިޓިޒެން އެވޯޑް" ވެސް ހޯއްދަވާފައެވެ. އަދި އޭނާ އަކީ އަންހެނުންނަށް ހިތްވަރުދީ އަންހެނުން ބާރުވެރި ކުރުމަށް އެކި އެކި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އެގޮތުން "އޮތެންޓިސިޓީ އެން ޒެޑް" ގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައި ވަޒީފާގެ ތަމްރީން ބޭނުންވާ އަންހެނުންނަށް ނޫރައިން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

މީގެ އިތުރުންވެސް ނޫރައިން ވަނީ ނިއުޒިލޭންޑުގެ ފަގީރުންނަށް އެހީވާ ފަންޑް ނޯތް ޓްރަސްޓީސްގެ ފަރާތުން އާއްމުން ތަމްސީލް ކުރާ މެންބަރުކަން ކުރައްވާފައެވެ. ނޫރައިން ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ލޯބި ހޯއްދަވާފައެވެ.