ކޭޕާކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކި ހަންބޯ ކުންފުންޏާ ދެކޮޅަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަނބަލުން ހަދީޖާ ސަނާ ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންނެވި ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މިއީ ކޭ ކާޕް ރެސިޑެންސް އިން އެޕާޓްމަންޓެއް ގަތުމަށް ސަނާ އާއި ހަންބޯ ކުންފުންޏާ ދެމެދު ވީ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން އެ ކުންފުނިން ދެކޮޅުހަދާ ކަމަށް ވިދާޅުވެ، ސަނާ ހުށަހެޅުއްވި މައްސަލައެކެވެ.
އެ މައްސަލައިގައި ސަނާ އެދިވަޑައިގަތީ ކޭޕާކް ރެސިޑެންސް ނަމްބަރު KP902 އެޕާޓްމަންޓް އެހެން ފަރާތަކަށް ދީ ވިއްކައި ނުވަތަ ބަދަލުކޮށް ހެދުމާއި، ތިން ވަނަ ފަރާތެއްގެ ހައްގު އެ އެޕާޓްމަންޓާ ގުޅިގެން އުފަންވާނޭ ފަދަ އެއްވެސް މުއާމަލާތެއް ނުކުރުމަށް އަނމުރު ނެރެދިނުމަށެވެ. ހަމައެއާއެކު ތިންވަނަ ފަރާތެއްގެ ނަމަށް އެތަން ބަދަލު ނުކުރުމަށާއި، ރަޖިސްޓްރީ ނުކުރަން އެދި ހަންބޯ ކުންފުނީގެ މައްޗަށާއި ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުުރުކޮށް ދިނުމަށް އެދިފައިވެއެވެ.
މީގެ އިތުރުން އޭނާއާ އެކު ހަންބޯ އިން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން އަމަލު ކުުރުމަށާއި އެއްބަސްވުމުގައި ވާ ގޮތަށް އެޕާޓްމަންޓް ހަވާލު ކުރުމަށާއި އެޕާޓްމަންޓް ހަވާލުނުކުުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި ޝަރީއަތަށް ހިނގި ހަރަދު ހޯދުމަށް ވެސް ސަނާ ވަނީ އެދިވަޑައިގެންފައެވެ.
އެގޮތުން އެ އެއްބަސްވުމާ އެއްގޮތަށް އެޕާޓްމަންޓް ހަވާލުކޮށްފައި ނުވާތީ، އެއްބަސްވުމާ އެއްގޮތަށް 9.07 ލައްކަ ރުފިޔާ ނަގައި ދިނުމަށް އެދިފައި ވެއެވެ. ހަމައެއާއެކު އެތަނުގެ ކުލީގެ ގޮތުގައި ދައްކާފައިވާ 9.98 ލައްކަ ރުފިޔާ އާއި، 58،733 ޑޮލަރު އަނބުރާ ހޯދުމަށް ވެސް އޭނާ ވަނީ އެދިފައެވެ. އަދި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 12،000 ރުފިޔާ ހޯދުމަށް ވެސް ވަނީ އެދިފައެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ބުނެފައި ވަނީ، ސަނާ އާއި ހަންބޯ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުން ކަމަށް ބުނެ ހުށަހެޅި އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއްކަން ނުވަތަ ނޫންކަން ޝަރުއީ މަރުހަލާއިން އެނގެން ނެތް ކަަމަށެވެ. މި މައްސަލައިގައި ހުށަހެޅި އެއްބަސްވުމަކީ ބޮޑެތި އޮޅުވާލުންތަކަކާއި ފޯޖުކުރުމުގެ ސުވާލުގެ ތެރެއިން އުފަންވި އެއްޗެއް ކަމަށް ބެލެވެން އޮތް ހިނދު ޕްރައިމާ ފޭސީ މިންގަނޑުން އެއްބަސްވުމެއް އޮތް ކަމަށް ބަލައިގަނެ ކުރިއަށް ދެވޭނީ އެ ޝައްކާއި ސުވާލަށް ޖަވާބު ލިބިގެން ކަމަށް ސިވިލް ކޯޓުން ބުނެއެވެ.
އެހެންކަމުން އަމުރަށް އެދުނު ފަރާތަށް ލިބެން ޖެހޭ މައުލޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް ފާޅުކަން ބޮޑު ގޮތެއްގައި މި ހިނދަށް އޮތް ކަމަށް ޝަރީއަތަށް ބުރަނުވެވޭ ކަމަށް އެ ކޯޓުން ބުނެއެވެ.
ބެލެންސް އޮފް ކޮންވީނިއަންސްގެ ޓެސްޓުން އެނގޭ ގޮތުގައި ބޮޑު ގެއްލުމެއް ލިބުމުގެ އިހުތިމާލު ބޮޑު ފަރާތަކީ ސަނާ ކަމަށް ސިވިލް ކޯޓުން ބުނެއެވެ. އެޕާޓްމަންޓުގެ މިލްކުވެރިކަން ނަގުލުވަނީ ކޯޓުގެ މަރުހަލާ ކަޑައްތުކޮށްގެން ކަމުގައި ވާތީ ވަގުތީ ފަރުވާއެއް ހޯދަން ޖެހޭ ހާލަތެއް އުފަންވެފައި ނެތީސް އެފަދަ ކަމެއް މުސްތަގުބަލުގައި އުފަންވެދާނެ ކަމަށް ބަލައިގެން އަމުރު ނުރެދެވެން ނެތް ކަމަށް އެ ކޯޓުން ބުނެއެވެ. މި ހިނދަށް އެފަދަ އިހްތިމާލެއް އުފަންވުމުގެ ފުރުސަތެއް އޮތްކަން ބަޔާންކޮށްދެވިފައި ނުވާތީ މި އަމުުރު މިވަގުތަށް ނެރެދެން ޖެހޭ ފަދަ ސަބަބެއް ވުޖޫދުގައި ނެތް ކަމަށް ކޯޓުން ބުނެއެވެ.