އީރާނުގެ ރައީސް އިބްރާހިމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި ގޮވާ ރައީސީ އާއެކު އެއިން ދަތުރުކުރި އެންމެން މަރުވި ހާދިސާގައި އެކްސިޑެންޓަށް ފަހު ގަޑިއެއްހާ އިރު ވާންދެން އިމާމް މޮހައްމަދު އަލީ އަލް ހާޝެމް ދިރި ހުންނެވި ކަމަށް ބުނެފިއެވެ.
ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާ އާ ގުޅޭ އިތުރު މައުލޫމާތު ސާފުވަމުން ދާ ވަރަކަށް އިތުރު ތަފްސީލުތައް ލިބެމުން ދާ އިރު، ތަބްރޭޒް މިސްކިތުގައި އިމާމުވެ ހުކުރު ކުރައްވައި އިމާމު، އެކްސިޑެންޓަށް ފަހު ރައީސް އޮފީހަށާއި އެހެނިހެން އޮފިޝަލުންނަށް ގުޅުއްވާފައި ވާ ކަމަށް އީރާނުގެ ކްރައިސިސް މެނޭޖްމަންޓުގެ އިސް ވެރިޔާ މުހައްމަދު ނާމީ ވަނީ ވިދާޅުވެއެވެ.
ބައެއް އޮފިޝަލުން އިމާމް އާ ފޯނުން ވާހަކަ ދައްކާ މަންޒަރު ފެންނަ ބައެއް ވީޑިއޯވެސް މިހާރު އާންމު ކޮށްފައި ވާ އިރު، ނާމީ ވިދާޅުވީ، ހެލިކޮޕްޓަރުގައި ދަތުރުކުރި ފަރާތްތައް ދެނެގަތުމަށް ޑީއެންއޭއެއް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ހެލިކޮޕްޓަރުގައި ޖުމްލަ 9 މީހަކު ދަތުރު ކުރި އިރު އެންމެންވެސް ވަނީ މަރުވެފައި ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ، އިމާމް އާ ގަޑިއެއްހާއިރު މުއާމަލާތު ކުރެވުނު ނަމަވެސް ފަހުން ގުޅުން ކެނޑިގެން ދިޔަ ކަމަށާއި އެހެން ކަމުން އެކްސިޑެންޓަށް ފަހު އިމާމު ގަޑިއެއްހާއިރު ދިރި ހުންނެވި ކަމަށެވެ.
ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓި ގޮވާފައި ވާ މަންޒަރުތައް އީރާނުގެ ރަސްމީ ޓީވީ ތަކުންނާއި 'އަހަބަރު' ނިއުސް ޗެނަލުން ދައްކާފައި ވާ އިރު، މަރުވެފައި ވާ މީހުންގެ ހަށިގަނޑުތައް ބޮޑީ ބޭގަށް ލައިގެން ސްޓްރެޗާތަކުގައި އޮފިޝަލުން އުފުލާ މަންޒަރުވެސް ދައްކާފައި ވެއެވެ. އަދި އީރާނުގެ ގައުމީ ޓީވީން ބުނެފައި ވަނީ، އެކްސިޑެންތް ހިނގީ ބޯ ދުންފިންޏާއި ވާރޭގެ ސަބަބުން ކަމަށެވެ.
ނަމަވެސް މި ހާދިސާއާ ގުޅިގެން ސުވާލު އުފައްދާ އެކިއެކި ފަރާތްތަކުން ގިނަ ތިއަރީތަކެއް އުފަން ކޮށްފައި ވެއެވެ. އެއްބަޔަކު ބުނާ ގޮތުން ރައީސީ އިންނެވި ހެލިކޮޕްޓަރާއެކު އިތުރު 2 ހެލިކޮޕްޓަރު ދަތުރު ކުރި އިރު އެ 2 ހެލިކޮޕްޓަރު ސަލާމަތުން މަންޒިލަށް ދަތުރު ކޮށްފައި ވާ އިރު ރައީސީ އިންނެވި ހެލިކޮޕްޓަރު ކުއްލިއަކަށް ވެއްޓެންވީ ސަބަބަކާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަނެއް ބަޔަކު ތުހުމަތުގެ އިނގިލި ދިއްކުރަނީ އިޒްރޭލަށެވެ. މީގެ ކުރިންވެސް އިޒްރޭލުން އީރާނުގެ އެތެރޭގައި އެކިއެކި ހަމަލާ ދީފައި ވާއިރު ރައީސީ އަވަހާރަ ކޮށްލީ ކަމަށާއި އެކަމުގެ ފަހަތުގައި އިޒްރޭލުގެ ޖާޖޫސީ އިދާރާ މޮސާޑް ވާނެ ކަމަށެވެ. ނަމަވެސް ރޮއިޓާސް އާ ވާހަކަ ދެއްކި އިޒްރޭލުގެ އޮފިޝަލަކު ބުނީ 'އިޓް ވޮސަންޓް އަސް' [އަހަރެމެންގެ ކަމެއް ނޫން] ކަމަށެވެ.
އަނެއްބަޔަކު ތުހުމަތުގެ އިނގިލި އަމާޒު ކުރަނި އީރާނުގެ އެތެރޭގެ ސިޔާސީ ކޯޅުމުގެ ކަމެއްގެ ގޮތުގައެވެ. އެގޮތުން ރައީސީ އަވަހާރަވުމާ ގުޅިގެން ރޭ އީރާނުގެ ގެއެއްގައި ހަވާ އަރުވާފައި ވާ ކަމަށާއި 'ރައީސީ އާއެކު އެންމެންވެސް މަރުވާން ޖެހޭކަމަށް' ސޯޝަލްމީޑިއާގައި ކޮންބައެއްކަން ނޭނގޭ ބައެއް އެކައުންޓްތަކުގައި ބުނެފައި ހުރި ވާހަކަތަކަށް އިޝާރާތް ކޮށްފައެވެ.
ރައީސީގެ ވެރިކަމުގައި އީރާނުގެ ތެރޭގައި ހިނގާފައި ހުރި ދާހިލީ ބައެއް ހަމަނުޖެހުންތަކަށް އިޝާރާތް ކޮށް ބައެއް މީހުން ބުނީ، ބުރުގާގެ މައްސަލައިގައި އަމީނީ ކިޔާ ޒުވާން އަންހެނަކު މަރާލި މައްސަލައިގައި އުފެދިގެން ދިޔަ ހަމަނުޖެހުންތަކާއި އެއާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ކުއްލި ހުކުމަކާއެކު މަރާލާފައި ވުމުން، އާންމުންގެ ގިނަ ބަޔަކު ރައީސީ ދެކެ ރުޅި އަންނަ ކަމަށެވެ.
އަނެއްބައެއްގެ ތިއަރީ އަކީ، ރައީސީ އިންނެވި ބެލް 212 މަރުކާގެ ހެލިކޮޕްޓަރަކީ އެމެރިކާގައި އުފައްދާފައި ހެލިކޮޕްޓަރަކަށް ވުމާއެކު އޭގައި ބޭނުން ކޮށްފައި ހުންނަ ޓެކްނޮލޮޖީއަށް އެމެރިކާގެ އިންޓެލިޖެންސަށް އެކްސެސް ވެވިދާނެ ކަމަށާއި ހެލިކޮޕްޓަރު މަލްފަންކްޝަން [ހުއްޓޭގޮތް] ހެދިދާނެ ކަމަށެވެ.
އެހެން ކަމުން ރައީސީ އަވަހާރަ ވުމަކީ އިއްތިފާގެއް ނޫން ކަމަށް ބުނާ މީހުންގެ ތިއަރީތައް ގިނަ އިރު ހެލިކޮޕްޓާ ކްރޭޝް ސައިޓު ފެންނަ ޑްރޯން ފްޓޭޖެއް ރަނގަޅަށް ބަލާއިރު، ކައިރި ސަރަހައްދެއްގައި މީހަކު ހަރަކާތްތެރިވާތަން ފެންނަ ވީޑިއޯއެއް ވެސް ދަނީ ދައުރުވަމުންނެވެ.
ރައީސީ އަވަހާރަ ވި ހާދިސާ ހިނގާފައި ވަނީ އިއްޔެ އަޒަރުބައިޖާނާއި އީރާނު ގުޅޭ ބޯޑަރުގައި ހެދި ޑޭމް އެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު އެނބުރި ގައުމަށް ވަޑައިގަތުމަށް ދަތުރު ކުރައްވަނި ކޮށެވެ.
ރައީސީ އަކީ އަރަބި ދުނިޔޭގައި މުޝްރިކުންގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާ އަދި އިޒްރޭލާއި އެމެރިކާގެ އިތުރުން ހުޅަނގު ދުޝްމަނެއްގެ ގޮތުގައި ސިފަ ކުރަމުން އަންނަ އިރު އެ ބޭފުޅެއްގެ 'ބޯ ކަނޑާލަން' އިޒްރޭލުން ބޭނުންވާ ބޭފުޅުންގެ ތެރެއިން އެކެކެވެ.
މި މޭރުމުން އިޒްރޭލުގެ އެތައް އޮފިޝަލަކު އެތައް މަގާމެއްގައި ވާހަކަ ދައްކާފައި ވާ އިރު އެމީހުން އީރާނުގެ ރޫހީ ލީޑަރަށާއި ރައީސީ އަށް ހާއްސަ ކުރާ ލަގަބަކީ 'ސްނޭކް' ނުވަތަ ހަރުފައެވެ. އެހެން ކަމުން ހަރުފައިގެ ބޯ ކަނޑާލަން ޖެހޭ ކަމަށް ބުނަމުން ގޮސްފައި ވެއެވެ. އެެމެރިކާ އަކީ ވެސް އީރާނަށް ހަސަދަ ލައިގެން 1979 އިން ފެށިގެން ދުޝްމަންކަން ދަމަހައްޓަމުން އަންނަ ގައުމެކެވެ. ދަތިކުރުމުގެ އެތައް ފިޔަވަޅުތަކެއް އަޅާ، އީރާނަށް ބައިނަލްއަގުވާމީ މައިދާނުން ޖާގަ ނުދޭން މަސައްކަތް ކުރާ ގައުމެކެވެ.
ރައީސީ އަވަހާރަ ވުމުގެ ހިތާމައިގައި ދުނިޔޭގެ އެކި އެކި ގައުމުތަކުގެ އިސް ވެރިން ތައުޒިޔާ ފޮނުއްވަމުން ގެންދަވާ އިރު، އީރާނުގައި ވަނީ ހިތާމަ ފާޅުކުރުމުގެ ހަފްތާއެއް އިއުލާން ކޮށް އާންމު ރައްޔިތުން ނިކުމެ މަގުތައް ފުރާލާފައެވެ.