މާފަންނުގެ ގެއެއްގައި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މާފަންނުގެ ގެއެއްގެ ތިރީ ފަންގިފިލާގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ މެންދުރު 2:20 ހާއިރު ކަމަށެވެ.

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ބުންޏެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެއެވެ.

މިއީ ހަފްތާއެއްގެ ތެރޭގައި ފުލުހުންނަށް މިގޮތަށް ރިޕޯޓުކުރި ތިންވަނަ މަރެވެ. އެގޮތުން:

- މިދިޔަ ހޯމަ ދުވަހު 30 އަހަރުގެ ދިވެއްސަކު ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިފައިވޭ

- އޭގެ ދެ ދުވަސް ފަހުން، ހުޅުމާލޭގައި ޕާކްކޮށްފައިވާ އުޅަނދެއްގެ ތެރޭގައި ބިދޭސިއަކު މަރުވެފައި އޮއްވާ ފެނިފައިވޭ

މީގެ ތެރެއިން ދިވެހި ފިރިހެން މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި ބިދޭސީ ފިރިހެން މީހާގެ މަރުގައި ޝައްކުކުރެވޭ ކަމެއް ނެތް ކަމަށް ވެސް ހާމަކޮށްފައިވެއެވެ.