ހުޅުމާލޭގަ އޮތް ފެތުމުގެ މުބާރާތެއް ނިންމާލުމަށްފަހު، ދަރިފުޅު ގޮވައިގެން މާލެ އައުމަށް ނެގި ޓެކްސީ ދަތުރެއްގައި، ޑްރައިވަރު ކަންތައްކުރި ގޮތުގެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

މާލެ ސަރަހައްދުގައި ދުއްވާ ޓެކްސީތަކުން އަމަލުކުރަމުން އަންނަ ގޮތުން އާންމުންގެ ޝަކުވާތައް ގިނަވެފައިވާ މި ދުވަސްވަރު، ގިނަ ބަޔަކު އަންނަނީ ޓެކްސީ ޑްރައިވަރުންގެ ފަރާތުން އެމީހުންނަށް ދިމާވި ހާދިސާތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އެގޮތުން އައިޝަތު ފަސާނާ ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާ އާއި ދަރިފުޅު ގޮވައިގެން ޓެކްސީ ޑްރައިވަރު ރުޅިއައިސްގެން، ހުޅުމާލެ ވަށާ ދުއްވާލުމަށްފަހު އެމީހުން ޓެކްސީއަށް އެރި ތަނަށް ބޭލި ހާދިސާ ހިއްސާކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޕޯކްސްޕާސަން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ހުޅުމާލެ ޕޮލިސް ސްޓޭޝަނުން އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން އަމަލުކުރަންޖެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅަންވާ ފިޔަވަޅުތައް ފުލުހުންގެ އިދާރާއިން އަޅާނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

ފަސާނާގެ ޕޯސްޓުގައިވަނީ ހުޅުމާލޭގަ އޮތް ދަރިފުޅުގެ ފެތުމުގެ މުބާރާތެއް ނިންމާފަ، މާލެ އައުމަށް ޓެކްސީ ދަތުރެއް ނެގިކަމަށާ ޓެކްސީއަށް އެރުވުމަށްފަހު އެތަށް ބޭކާރު ވާހަކަ އެއް ޓެކްސީ ޑްރައިވަރު ދެއްކިކަމަށެވެ. "އަދި ދަމުން ދަމުން ގޮސް އަހުލާގީ މިންގަނޑަށް ނުފެތޭ ވާހަކަތައްވެސް ދެއްކި. އެއަށްފަހު ޓެކްސީއަށް އިތުރު މީހަކު އެރުވިޔަސް ހެޔޮތޯ އެހި. ޖަވާބުގައި އަހަރެން ބުނީ. އެރުވިޔަސް މައްސަލައެއްނެތޭ. އެކަމަކު އެމީހާ އަތުން އަގު ނަގަންވާނީ އަހަރެން ފައިބާ ހިސާބުން އެމީހާ އެކަނި ކުރާ ދަތުރަށް އެކަންޏޭ. އެގޮތަށް އެއްބަސްވެ އެރުވިޔަސް އެންމެ ރަނގަޅު ކަމަށް ބުނީ" ފަސާނާގެ ޕޯސްޓުގައި ބުނެފައިވެއެވެ. އެހެންނަމަވެސް އެކަމާ ޓެކްސީ ޑްރައިވަރު އެއްބަސްވާން ބޭނުންނުވިކަމަށާ އެއީ އޭނާއާއި ދަތުރުނަގާ މީހާ ދެމެދު ގޮތްނިންމާ ކަމެއްނޫންހޭ ކިޔާ ދެކޮޅުހަދާ ރުޅިގަދަ ކުރަންފެށިކަމަށެވެ.

އެއަށްފަހު އޭނާ އާއި ދަރިފުޅު ގޮވައިގެން މުޅި ހުޅުމާލެ ވަށާ ބުރުޖެހި އިރުވެސް އެއަށް އަރާނެ އިތުރު ފަރާތެއް ނުވުމުން 'ތިމަންނަ ކިތަންމެ ނުބައޭ ބުންޏަސް އަދި ބޮޑު ވަރަކަށް މަރާލިޔަސް ތި މީހުން ނެގިތަނަށް ތިމީހުން ބޭލުން ނޫން ގޮތެއްނެތްކަމަށް ބުނެ' ހުޅުމާލެއިން އެ ޓެކްސީއަށް އެރިތަނަށް އެމީހުން ބާލާފައިވާކަމަށް ފަސާނާ ބުންޏެވެ.

"މި އުޅުމަކީ އާމްދަނީ ހެޔޮގޮތުގައި ހޯދުމަށް މިމަސައްކަތް ކުރާ ފަރާތަކުން ފެންނަށްޖެހޭ ވަރަށްވުރެ ދަށުދަރަޖައިގެ އަމަލެކެވެ. ޓެކްސީ ހިދުމަތަކީ ޓެކްސީކުރާ ފަރާތާ އެ ހިދުމަތްހޯދާ ފަރާތްތަކަށް ނުހަނު މުހިއްމު ބޭނުންތެރި ކަމެއްކަމަށްވާއިރު އިހުތިރާމާ ގަދަރު ދެމެހެއްޓުމަކީ މުޖުތަމައުގެ ހަމަޖެހުމަކަށްވާނެކަމާމެދަކު ޝައްކެއް ނެތް. އަނެއްކަމަކީ އަހަރެން މި ނެގި ދަތުރަކީ ފެތުމުގެ މުބާރާތެއް ނިންމާފަ އެވަރުބަލިކަމާއެކު އަވަހަށް ގެއަށްދާން ބޭނުންވެފަވާ ކުޑަކުއްޖެއްވެސް އިން ދަތުރެއް. އެފަދަ ކުލުނެއްވެސް ނެތީ. މޫސުމުގެ ބޯވާރޭގައި އިތުރު ޓެކްސީއެއް ހޯދުމަށް އެތައް ތަކުލީފެއް އަބަދުވެސް އުފުލަންޖެހޭކަމީ ދެބަސްވެވެން ނެތް ހަގީގަތެއް. މި ފަދަ މީހުންނަށް ކިޔާނީ ކީކޭ ހެއްޔެވެ؟މީ މިދުނިޔޭގަ އެކަނި ލައްވާފަ ތިބި ބަޔަކީ ހެއްޔެވެ؟ރިޒުގު ދެއްވުން މިންވަރު ކުރެއްވި ފަރާތުން އެ މަގު ބަންދުކޮށް ވަގުތުން އިމްތިހާނު ނުކުރެއްވުމީވެސް ހިކުމަތެކެވެ." ފަސާނާގެ ޕޯސްޓުގައި ބުނެފައިވެއެވެ.