ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ބޮޑެތި ހަނގުރާމަތަކަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ރޭހުގައި އަވަދި ނެތި އެމެރިކާ އުޅޭ އިރު, ޔޫކްރައިން އަށް އަސްކަރީ އެހީގެ ގޮތުގައި އިތުރު 2 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ދޭން ނިންމައިފިއެވެ.
މިއީ އެމެރިކާގެ ކޮންގްރެސް އިން ޔޫކްރައިން އަށް ދޭން ނިންމި 61 ބިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖުގެ އިތުރުން ދޭން އިއުލާން ކުރި ޕެކޭޖެކެވެ.
މެދުއިރުމަތީގައި ހިނގަމުން ދާ ހަނަގުރާމައިގައި އިޒްރޭލަށް 14 ބިލިއަން ޑޯލަރުގެ ޕެކޭޖެއް ދިނުމާއެކު ހަނގުރާމައިގެ ކަންކަން ބެއްލެވުމަށް މެދުއިރުމަތީގައި އުޅުއްވުމަށް ފަހު މިހާރު ޔޫކްރައިނަށް ވަޑައިގެން ހުންނެވި އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވީ, ހަނގުރާމައިގައި ރަޝިއާއިން ކުރި ހޯދަމުން ދާ މިންވަރަށް ބަލާ އިރު މިވަގުތަށް އަދި އަވަހަށް ޔޫކްރައިން އަށް އަސްކަރީ އެހީ ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އެހެން ކަމުން 2 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ވަރަށް އަވަހަށް ފޯރުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބްލިންކެން ވިދާޅުވީ ދެގައުމުގެ ދެމެދުގައި ހުރަހަކަށް ވެފައި ހުރި ސަލާމަތާ ގުޅޭ އެއްބަސްވުންތަކަށް ހައްލެއް ގެނެވިފައި ވާ ކަމަށާއި ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އާ އެއްބަސްވުމުގައި ސޮއިކުރެވޭ އިރު ގޮވާތަކެއްޗާއި, އެކި ސައިޒުގެ އުންޑަތަކާއި މިސައިލާއި އަސްކަރީ ވެހިކަލްތައް ޔޫކްރައިން އަށް އަވަސް ގޮތެއްގައި ފޯރުކޮށް ދެވިގެން ދާނެ ކަމަށެވެ.
އެމެރިކާއިން އަވަސް ފިޔަވަޅުތަކެއް އަޅަން މި ނިންމީ ހަނގުރާމައިގައި ރަޝިއާއިން ބޭނުން ކުރަމުން ދާ އާ އުކުޅާއެކު އަވަސް މިނެއްގައި ކުރިއަރައި ޔޫކްރައިންގެ ސަރަހައްދުތައް ހިފަމުން ދާތީއެވެ. ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ, ޔޫކްރައިންގެ ހަލީބޮކޭ އާއި ލުކްޔަންސީ އާއި ކާކީވްގެ އުތުރު ބިތުގެ ބައެއް ހިފާފައި ވާ ކަމަށެވެ. މީގެ އިތުރުން ޒަފަރޯޒިއާ ގެ ދެކުނުން އޮންނަ ރޮބޮޓީނޭ ވެސް ހިފާފައި ވާ ކަމަށް ބުނެފައި ވެއެވެ.
ކާކީވް ސަރަހައްދުން ހިފާފައިވާ ތަންތަނުގެ ތެރޭގައި 9 ވިލެޖެއް ހިމެނޭ އިރު ބައެއް ސަރަހައްދުތަކުން ރަޝިއާ ސިފައިން ފަހަތަށް ޖެއްސިފައި ވާ ކަމަށް ޔޫކްރައިންގެ އިދާރާތަކުން ބުނެއެވެ.
ޔޫކްރައިން އިން ބުނީ ރަޝިއާގެ އާ އުކުޅުގެ ދަށުން އެމީހުން ހަނގުރާމައިގެ ކުރީ ސަފަށް ނެރެފައި ވަނީ ގިނައިން އަންހެނުންނާއި ކޮންމެވެސް އަނިޔާ އަކާ ހުރެ ހެލިފެލިވެ އުޅުމަށް ދަތިވާ މީހުންނާއި އުމުރުން ދުވަސް ވީ މީހުންނެވެ. ރަޝިއާގެ އާ އުކުޅުގައި ހަދާ ގޮތް ކަމަށް ބުނެ ޔޫކްރައިންގެ އިދާރާތަކުން ބުނަނީ އެމީހުން ލައްވައި ޖާނުން ފިދާވާން ކުރީ ސަފަށް ފޮނުވަނީ ކަމަށާއި އެއާއެކު ޔޫކްރައިންގެ ކުރީ ސަފަށް ސިހުން ލިބޭ ވަގުތު ފަހަތުގައި ތިބެ ރަޝިއާގެ ސިފައިން އެމީހުންނަށް ހަލާދެނީ ކަމަށެވެ. އެ އިދާރާތަކުން ބުނާގޮތުން ރަޝިއާއިން ދަނީ އެފަދަ 40,000 އެއްހާ މީހުން ބޭނުން ކުރަމުންނެވެ.