ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ހާއްސަ މެހެމާންދާރީގައި ކުރެއްވި އުމްރާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅު ކުރައްވާފައިވަނީ މޭމަހުގެ 10ން 15 އަށެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިހް މުހައްމަދު ލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް، މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފް، މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަބްދުﷲ ނާސިރުވެސް މި ދަތުރުފުޅުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް މަދީނާއަށް ވަޑައިގަތުމުން ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ސުލްތާން ބިން އަބްދުލްއަޒީޒެވެ. ރައީސްގެ މި ދަތުރުފުޅުގައި ވަނީ މަދީނާގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާވެސް ބައްދަލުކުރައްވާފައެވެ.

އެގޮތުން މަދީނާގައި ތައުލީމު ހާސިލުކުރަމުންދާ 24 ދަރިވަރުންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުއިއްޒު ވަނީ އެކުދިން ބޭނުންވާ ކަންކަމާއި, އެކުދިންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާ އެ ދަރިވަރުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.