ދިވެހިންގެ ގައުމީ ހަޒާނާގެ އެންމެ އަގުހުރި މުދަލަކީ ދިވެހިބަސް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ލިޔުންތެރިކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖެ އުފެދި ނަން ދެވުނީ ދިވެހިބަހުގެ ސަބަބުން ކަމަށެވެ. އަދި ދިވެހިންގެ ގައުމީ ހަޒާނާގައި އޮތް އެންމެ ދޮށީ އަދި އެންމެ އަގުހުރި މުދަލަކީ ދިވެހިބަސް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެއީ އެތައް ހާސް އަހަރަކަށް އަމިއްލަވަންތަ މިނިވަން ދައުލަތެއްގެ ގޮތުގައި މި ރާއްޖެ ދެމިއޮތުމުގެ މައިގަނޑު ސަބަބު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ދިވެހިބަސް ކުރިއަރުވާ ދެމެހެއްޓުމުގައި ލިޔުންތެރިން އަދާކުރާ ގައުމީ ޒިންމާއަށް ތައުރީފު ކުރައްވާފައެވެ.
ދިވެހި ލިޔުންތެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހެވެ. ލިޔުންތެރިންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ލިޔާށެވެ. މަގު ދައްކާށެވެ." އެވެ.