ރާއްޖޭގައި ފަށަން ނިންމާފައިވާ ހެލިކޮޕްޓަރުގެ ހިދުމަތުގައި ބޭނުން ކުރާނީ ރައްކާތެރިކަމުގެ މިންގަނޑު އެންމެ މަތީ ހެލިކޮޕްޓަރުތައް ކަމަށް ޓްރާންސްޕޯޓު މިިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް އަލުން ފެށުމަށް ސަރުކާރުން ނިންމަވާފައިވާތީ، އެކަމާއި ގުޅޭ އިތުރު ތަފްސީލްތައް ހާމަކުރައްވަމުން އަމީން ވިދާޅުވީ ހުރިހާ ސަރަހައްދެއްގައި އެއާޕޯޓްތައް ތަރައްގީކުރުމަށް ރައްޔިތުން ބޭނުންވާ ކަމަށެވެ. އަދި މިކަން ރައްޔިތުން ބޭނުންވަނީ ދަތުރުފަތުރު ފަސޭހަވުމުގެ އިތުރުން، ކުއްލި ހާލަތްތަކުގައިވެސް އަަވަހަށް ކުރަންޖެހޭ ދަތުރުތަކަށް މަގުފަހިކުރުމަށް ކަމަށް އަމީން ވިދާޅުވިއެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ތައާރަފްވެގެން ދިއުމުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނޭކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތްދޭން ސަރުކާރުން ނިންމާފައިވާއިރު، އެކަމުގައި އެންމެ ބޮޑަށް ވިސްނާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްކަމަށެވެ. މީގެކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމުގައި ބޭނުންކޮށްފައިވަނީ ރާއްޖޭގެ "އެއާ އޮޕަރޭޓާ" ސެޓްފިކެޓެއްގައި އޮޕަރޭޓް ކުރަމުން ގެންދިޔަ ހެލިކޮޕްޓަރުތަކެއް ނޫންކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ އޭރު ސިވިލް އޭވިއޭޝަން އޮޓޯރިޓީގެ ބާރެއް އެކަމުގައި ނެތްކަމަށެވެ. އެހެންނަމަވެސް މިއަދުގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ނިންމެވުމާއި އެއްގޮތަށް، ރާއްޖޭގައި ހެލިކަޕްޓަރުގެގެ ހިދުމަތް ދިނުމަށް ބޭނުންކުރާނީ އެންމެ ރައްކާތެރި "ޓްވިން އިންޖީން" ހެލިކޮޕްޓަރުކަމަށެވެ. އޭވިއޭޝަން އިންޑަސްޓްރީ ކުރިއަރަމުންދާ ދުވެއްޔަށް ބަލާއިރު، ރާއްޖޭގައި އޮތީ މިއަދުގެ ހާލަތައް އެހާ ފިޓްނޫން ގަނޫނެއްކަން ފާހަގަކުރަމުން އަމީން ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންގެ އެކްސްޕާޓުންގެ އެހީގައި މިހާރު ރާއްޖޭގެ ވައިގެ މަދަނީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް އަލުން ޑްރާޕްޓް ކުރެވި އެޓާރނީ ޖެނެރަލް އޮފީހަށް ފޮނުވިފައިވާނެކަމަށެވެ.