ރާއްޖޭގައި 20 އަހަރަށް ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމުގެ އެއްބްސްވުމެއްގައި ދުބާއީގައި ހުންނަ ހެލިކޮޕްޓަރު އަދި ވާޓިޕޯޓް އޮޕަރޭޓަރެއް ކަމަށްވާ އެއާ ޝެޓޯ ޑަބްލިއުސީ ވިންގްސް ކެޕިޓަލް މެނޭޖްމަންޓާ، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބޭރުގެ އޭވިއޭޝަން ހަބަރުތައް ގެނެސްދޭ އާބަން އެއާ މޮބިލިޓީން އިން ބުނެފައިވަނި "ޕްރޮޖެކްޓް އެލެވޭޓް މޯލްޑިވްސް"ގެ ނަމުން ނަން ދީފައިވާ ކޯލަބަރޭޓިވް ޕާޓްނަޝިޕެއްގެ ދަށުން އީވީޓީއޯއެލްތަކާއެކު، ވީވީއައިޕީ އެންޑް އެޗްއެންއައި އެއާ ޓެކްސީ އޮޕަރޭޝަންސް، ކޮމާޝަލް ކާގޯ އަދި ޕެސެންޖަރު އޮޕަރޭޝަންސްގެ ހިދުމަތަށް ހުޅުވާލާނެއެވެ. އަދި ރާއްޖެ ހުރަސްކޮށް އެޑްވާންސް އެއާ މޮބިލިޓީ އިންފްރާސްޓްރަކްޗާ ރޯލް އައުޓް ކުރުމުގެ އިތުރުން ޑްރޯންތަކާއި ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިން (ވީޓީއޯއެލް) އަށް އައިލެންޑް އެއާ މޮބިލިޓީ ކުރެވޭނެ ގޮތް ހަދާ މަތިންދާބޯޓުތަކުގެ ހިދުމަތް ހުޅުވައިލާނެއެވެ.
އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވީ މި މަޝްރޫއު ހިންގުމަށްޓަކައި ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުން ޑޮމެސްޓިކް އެއާޕޯޓް އޮޕަރޭޝަންތަކުގެ ޒިންމާ އުފުލާ ސަރުކާރުގެ ފަރާތެއްކަމުގައި ވާނެކަމަށެވެ. އަދި ދުބާއީގައި ހުންނަ ހެލިކޮޕްޓަރު އޮޕަރޭޓަރުގެ ގޮތުގައި އެއާ ޝެޓޯ އާއި ޕްރޮޖެކްޓް މެނޭޖްމަންޓް ފެސިލިޓޭޓަރުގެ ގޮތުގައި ވިންގްސް ކެޕިޓަލް މެނޭޖްމަންޓާ އެކު ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕެއް ގާއިމް ކުރަން ގަސްތުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ޕާޓްނަޝިޕްގައި އެއާޝެޓޯއިން ރާއްޖޭގެ 1200 އަށް ވުރެ ގިނަ ޖަޒީރާ ގުޅުވައިދޭ ވާޓިޕޯޓާއި ޑްރޯންޕޯޓްގެ ނެޓްވޯކެއް ތަރައްގީ ވެގެން ދާނެކަމަށް، އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މުބީން ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަށް އެއާޕޯޓް މިހާރުވެސް ހިންގާއިރު، ސަރުކާރުގެ ޕްލޭނިން އިނިޝިއޭޓިވްތަކާ އެއްގޮތަށް ކުރިއަށް އޮތް ތަނުގައި މި އަދަދު 15 އަށް ފުޅާކުރުމުގެ އަމާޒު ހިފާފައިވާކަމަށެވެ. "ވިންގްސް ކެޕިޓަލް މެނޭޖްމަންޓާއި އެއާ ޝެޓޯ ފަދަ ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރެވޭ ފަރުމާތަކާ އެކު މި ވިސްނުން ގާއިމް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،” މުބީން ވިދާޅުވިއެވެ.
މި މަހުގެ 5 ވަނަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ރާއްޖޭގައި އެއް ތަނުން އަނެއް ތަނަށް ފަތުރުވެރިން އުފުލުން ހިމެނޭ ގޮތަށް، ހެލިކަޕްޓަރު ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ.