ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ބައިނަލްއަގްވާމީ 36 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މި މަހުގެ 5 ވަނަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ރާއްޖޭގައި އެއް ތަނުން އަނެއް ތަނަށް ފަތުރުވެރިން އުފުލުން ހިމެނޭ ގޮތަށް، ހެލިކޮޕްޓަރު ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައެވެ.
މި ހިދުމަތް ފެށުމާ ގުޅޭ ގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ނިންމާފައި ވަނީ، އިނގިރޭސިވިލާތުގެ ވަރުގަދަ ރެގިއުލޭޓަރީ ބޮޑީއެއް ކަމަށްވާ، ޔޫކޭ ސިވިލް އޭވިއޭޝަންގެ އެހީގައި ހަދާފައިވާ ޓެކްނިކަލް އެސެސްމަންޓް ތަކަކަށް ފަހުގައި ކަމަށެވެ. އަދި މި ހިދުމަތް ދިނުމަށް ހަދާފައިވާ އުސޫލުގައި، ކޮންމެ ހެލިކޮޕްޓަރެއްވެސް ހިދުމަތް ދިނުމަށް ހުއްދަ ދޭނީ، ސަރުކާރުގެ ބޭނުންތަކަށް ސިއްހީ ކުއްލި ހާލަތްތަކަށް އަދި ހާދިސާތަކުގެ ހާލަތުގައި ސާޗް އެންޑް ރެސްކިއުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ހެލިކޮޕްޓަރު ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމުން ރާއްޖެއިން ބޭރުގެ 36 ފަރާތުން ކުރިމަތިލާފައި ވާކަމަށާއި މީގެ ތެރޭގައި ދުނިޔޭގެ އެންމެ ވަރުގަދަ ކުންފުނިތައްވެސް ހިމެނޭކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ހިދުމަތްދޭނެ ފަރާތްތައް ހޮވުމަށް ކުރަންޖެހޭ މަސައްކަތްތައްކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ޝެޑިއުލް އާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ކުރިއަށް ދާނީ 3 މަރުހަލާއަކަށް ބަހާލައިގެންކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ހިދުމަތް ދޭނެ ފަރާތްތައް ކަނޑައެޅުމުގެ މަރުހަލާއަށް ދެމަސް ދުވަސް ހޭދަވާނެ ކަމަަށެވެ. އަދި މިކަމާ ގުޅޭ އެއްބަސްވުންތައް އެކުލަވާލުމަށް ފަހު، ކެބިނެޓުގެ މަޝްވަރާއާ އެކު 10 އަހަރުގެ މުއްދަތަށް މި ހިދުމަތް ދިނުމަށް ހުއްދަ ދޫކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމުގެ ހުއްދަ ދޭ ކުންފުނިތައް ކަނޑައެޅުމަށް ފަހު، އެ ފަރާތްތަކަށް ރާއްޖޭގައި އުދުހުމުގެ ހުއްދަ ދޭނީ "އެއާ އޮޕަރޭޓާ ސެޓްފިކެޓް" ދީގެން ކަމަށެވެ.