ވިޔަފާރީގެ މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

މިއީ ކޮމަންވެލްތު ޓްރޭޑް އެންޑް އިންވެސްޓުމަންޓް ރައުންޑް ޓޭބަލްގައި ބައިވެރިވެ ވަޑައިގަތުމަށް އޭނާ ކުރައްވާ ދަތުރެކެވެ.

މި ދަތުރުގެ ތެރެއިން ރާއްޖޭގެ އިގުތިސޯދީ އަދި އިޖުތިމާއީ ކުރިއެރުމަށް މުހިންމު، ހަރުދަނާ މާލީ ބާޒާރެއް ގާއިމު ކުރުމަށް އިނގިރޭސިވިލާތުގެ މާލީ ދާއިރާގެ ބައިވެރިންގެ އެހީތެރިކަން ހޯދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ހަމައެހެންމެ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އާއި ޑިވެލޮޕްމަންޓް ބޭންކް ތަރައްގީ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

އެގޮތުން އިނގިރޭސިވިލާތުގެ މާލީ ހިދުމަތްދޭ ކުންފުނިތަކާއެކު ރަސްމީ މަސައްކަތުގެ ގުޅުން ގާއިމުކޮށް, ގާނޫނީ އޮނިގަނޑު ޒަމާނީ ކުރުމުގެ އިތުރުން މާލީ ދާއިރާގެ އިންފްރަންސްޓްރަކްޗާގެ އިތުރުުން ބައިނަލްއަގްވާމީ މާލީ މަރުކަޒުތައް ގާއިމު ކުރުމަށްޓަކައި ޒަމާނީ އަދި ދުނިޔޭގެ ފެންވަރުގެ ގަވަނަންސް، ސްޓްރެޓެޖީ އެންޑް އޮޕަރޭޝަންސް ފްރޭމްވޯކެއް އެކުލަވާލުން ހިމެނޭ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުންވެސް މި ދަތުރުގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ އޮފިޝަލުންނާއި ހައުސް އޮފް ލޯޑްސްގެ އިތުރުން އެ ގައުމުގެ ފައިނޭންޝަލް އެންޑް ޕްރޮފެޝަނަލް ސާވިސަސް އިންޑަސްޓްރީގެ މަންދޫބުންނާ މިނިސްޓަރު ބައްދަލުކުރައްވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.