މާލޭގައި ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ އޮޓޮޕްސީ ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބަނޑޭރިކޮށީގެ އެޕާޓްމަންޓެއް ބަލައި ފާސްކުރި އިރު އެ އެޕާޓްމަންޓްގައި މަރުވެފައިވާ ފިރިހެނަކު ފެނިފައިވާ ކަމަށެވެ. އެއީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މި މަރާ ގުޅިގެން ފުލުހުން ދިން އެންމެ ފަހުގެ މައުލޫމާތުގައި ބުނީ، މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށް މަރުވެފައިވާ ޒުވާނާގެ އޮޓޮޕްސީއެއް ހަދަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް މަރުވި މީހާ އާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ. މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ ހަށިގަނޑަށް ޒަހަމްތަކެއް ލިބިފައިވާ ކަން ނުވަތަ ނޫން ކަން ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ، އިތުރު މައުލޫމާތު ލިބެމުންދާ ވަރަަކަށް ހިއްސާ ކުރާނެ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.