އެމްޑީޕީގެ ޓިކެޓުގައި 20 ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުންނާ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައިފިއެވެ.
މިއަދު ރައީސް ސޯލިހް ބައްދަލުކުރައްވާފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރުމަށް އަލަށް އިންތިހާބުވި މެންބަރުންގެ ތެރެއިން މިވަގުތު މާލޭގައި ތިއްބެވި ބޭފުޅުންނާއެވެ.
މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އިން ވަނީ 93 ދާއިރާއަށް ވާދަކޮށްފައެވެ. އެހެންނަމަވެސް މި އިންތިހާބުގައި އެމްޑީޕީއަށް 12 ގޮނޑި ކާމިޔާބުކުރެވުނު އިރު މަޖިލީހުގެ ސުޕަ މެޖޯރިޓީ، 77 ގޮނޑިއާއެކު ހޯދާފައިވަނީ ސަރުކާރުންނެވެ. މި އިންތިހާބުގައި އެމްޑީޕީ އަށް ކުރިމަތިވި ނާކާމިޔާބީ އާއި އެކު ޕާޓީގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެގެން ދިޔައިރު، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ.
މީގެ ފަސް އަހަރު ކުރިން އެއީ 65 ގޮނޑި ކާމިޔާބުކޮށް ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސުޕަ މެޖޯރިޓީ ހޯދި އެމްޑީޕީ އަށް ކުރިމަތިވި ނާކާމިޔާބީ އާއި ގުޅިގެން އެ ޕާޓީން ވަނީ އިންތިހާބުތައް ގެއްލިގެންދިޔަ ސަބަބުތައް ދިރާސާ ކުރުމާއެކު އެމްޑީޕީގެ ކުރިމަގަށް ދެކޭ ގޮތް ހޯދައި ޕާޓީގެ ކުރިމަގު ބިނާކުރާނެ ގޮތްތަކަކާ މެދު ދިރާސާ ކުރުމަށް ފަހު މަގުޗާޓެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ.