ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކާއެކު ކުޑަކުދިންގެ ހަވީރެއް ބާއްވަން ސްޓެލްކޯއިން ނިންމައިފިއެވެ.

ސްޓެލްކޯއިން ބުނީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ކުންފުނީގެ މާލޭ އިންޖީނުގެ ދައްކާލައި އިންޖިނިއަރިންގެ ދާއިރާއަށް ކުޑަކުދިން ޝައުގުވެރިކުރުވުމަށް މައުލޫމާތުދީ، ފަންނީ ތަފާތު ތަޖުރިބާއެއް ކުޑަކުދިންނަށް ހޯދައިދިނުމާއެކު ހަދިޔާ ބެހުން ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މި އިވެންޓުތައް ކުރިއަށް ދާނީ މާދަމާ ހެނދުނު 8:00 ން 10:00 އަށް އަދި ހަވީރު 16:00 ން 18:00 އަށް ސްޓެލްކޯގެ ހެޑް އޮފީހުގައެވެ. ސްޓެލްކޯއިން ވަނީ މި ހަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިކުރުވުމަށް އެދިފައެވެ.

ރާއްޖޭގައި ކޮންމެ އަހަރަކުވެސް ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ މޭ މަހުގެ 10 ގައެވެ. ކޮންމެ އަހަރަކުވެސް މި ދުވަސް ކުލަގަދަކޮށް ސްކޫލްތަކުގައިވެސް ފާހަގަކުރެއެވެ. އަދި މި ދުވަހުގެ މުނާސަބަތުގައި އެކި މުއައްސަސާތަކުން ކުޑަކުދިންގެ ހަވީރާއި ހާއްސަ އެހެނިހެން ހަރަކާތްތައްވެސް ބާއްވައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެންބަރު 20 ގައެވެ. ކުޑަކުދިންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 1954 ވަނަ އަހަރުގައެވެ.