ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގައި ހަމައެކަނި އުފާފާގަތިކަމުގެ ހަރަކާތްތަކަކަށް ބަރޯސާވުމުގެ ބަދަލުގައި، އެ ކުދިންނަށް އުމުރާ ގުޅޭ ތައުލީމާއި ތަރުބިއްޔަތު ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަންޖެހޭ ގައުމީ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އާންމުކުރެއްވި މެސެޖެއްގައެވެ.

'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ރާއްޖޭގެ ކުޑަކުދިންނަށާއި އާއިލާތަކަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ކުޑަކުދިންނަށް ދެވޭނެ އެންމެ ބޮޑު ހަދިޔާއަކީ ހެޔޮ ތަރުބިއްޔަތެވެ.

“ކުޑަކުދިންނަށް ހަގީގީ ލޯބިދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން. ޒިންމާދާރު ބަޔެއްގެ ގޮތުގައި މާދަމާ އުޅެވޭނެ ޤާބިލްކަން ހޯދައިދިނުން،”
ރައީސް

މީގެ އިތުރުން، ކުޑަކުދިންގެ ރައްކާތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސް ވަނީ އެ ކުދިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދިނުމަށް ގޮވާލައްވާފައެވެ. އެ މަނިކުފާނު އިރުޝާދު ދެއްވީ “އެއްވެސް ކުޑަކުއްޖެއްގެ މައުޞޫމް ދިރިއުޅުމަށް ބުރޫއަރާނެ ބަހަކަށް އަދި ޢަމަލަކަށްވެސް ޖާގަ ނުދިނުން” މިއީ މުޖުތަމައުގެ އެންމެންގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.

ދިވެހިރާއްޖޭގައި ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 10 ވަނަ ދުވަހެވެ. މި ދުވަހާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލްތަކާއި މުއައްސަސާތަކުން ކުޑަކުދިންނަށް ޚާއްޞަ ތަފާތު ހަރަކާތްތައް ކުރިއަށްގެންދެއެވެ. ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް، އެ ކުދިންނަށް އަމާން ވެއްޓެއް ޤާއިމުކޮށްދިނުމަކީ ދައުލަތުގެ މުހިންމު ސިޔާސަތެކެވެ.