ދިވެހިރާއްޖޭގައި ކުޑަކުދިންނަށް، ރައްކާތެރިކަމާއި، އަބުރުވެރިކަމާއި، ފުރުސަތުތައް ކަށަވަރުކޮށްދިނުމުގައި ދިވެހިން ތިބީ އެއް އަޒުމެއްގައިކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. މި ޤައުމުގެ އުންމީދު އަދި ފާގަތި މުސްތަގްބަލެއްގެ ބިންގަލުގެ ގޮތުގައި ކުޑަކުދިން ސިފަ ކުރައްވާ އެމަނިކުފާނު ވަނީ ކޮންމެ ކުއްޖަކަށްވެސް، އެކުއްޖެއްގެ ފުރިހަމަ ގާބިލިއްޔަތަށް ވާސިލުވެވޭނޭ ފަދަ ވެއްޓެއް ގާއިމުކުރުމަށްޓަކައި، މުޅި މުޖުތަމައު ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.
ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ވަނީ، އެކަމަނާގެ އެކްސް އެކައުންޓުން މެސެޖެއް ހިއްސާކުރައްވާފައެވެ.
އެކަމަނާގެ މެސެޖުގައި ވަނީ، ކުޑަކުދިންގެ ވާހަކަތައް ކަނުލައި އަޑުއަހައި، އޯގާތެރިކަމާއެކު އެކުދިންނާ މުއާމަލާތުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކުޑަކުދިންގެ ހިތްވަރާއި، އުފެއްދުންތެރިކަމަށް އިޝާރާތްކުރައްވައި، ކުޑަކުދިންގެ ޝުއޫރުތަކާއި ހިޔާލުތަކަށް އިހުތިރާމު ހައްގުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އަދި ކުޑަކުދިންނަށް މާނަވީ ގޮތެއްގައި ފުރުސަތުތައް ހޯދައިދީ، އުންމީދުން ފުރިގެންވާ މުސްތަގުބަލެއްގެ ތަސައްވުރު، އެކުދިންނަށް ހޯދައިދިނުމަކީ ޖަމައީ މަސްއޫލިއްޔަތެއްކަމަށް ވިދާޅުވެފައި ވެއެވެ.
ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަސް، ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަނީ، ކުޑަކުދިންގެ ހެވާއި ލާބައަށް މަސައްކަތްކޮށް، އެކުދިންގެ ހައްގުތައް ނެގެހެއްޓުމަށް މުޅި ދުނިޔެ ހިއްސާކުރާ ޒިންމާ ހަނދާންކޮށްދޭ މުނާސަބަތެއްގެ ގޮތުގައެވެ.
