އެޑިއުކޭޝަން މިނިސްޓްރީން އިސްނަންގަވައިގެން ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ދިޔަ ކުޑަކުދިންގެ ހަވީރަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ޒިޔާރަތް ކުރައްވައިފިއެވެ.
މިއަދު ހަވީރު ކުރިއަށް ދިޔަ މި ހަރަކާތް އޮތް ސަރަހައްދަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލުތަކުގެ އިސްވެރިންނެވެ. މިއަދު ކުރިއަށްދިޔަ ހަވީރުގައި، ދަރިވަރުންގެ ފަރާތުން ރައީސް އަށް ވަނީ ހާއްސަ ހަދިޔާއެއްވެސް އަރުވައިފައެވެ.
ކުޑަކުދިންގެ ހަވީރަށް ޒިޔާރަތްކުރައްވައި، ރައީސްގެ ދެކަނބަލުން ވަނީ އެތަނުގައި ހުރި ސްޓޯލްތައް ބައްލަވައިލައްވައިފައެވެ. އަދި މި ހަވީރުގައި ދަރިވަރުންގެ ފަރާތުން ހުށަހަޅައިދިން ސްޓޭޖް ހަރަކާތްތައްވެސް ރައީސްގެ ދެކަނބަލުން ބައްލަވައިލެއްވިއެވެ. މީގެ އިތުރުން، ރައީސްގެ ދެކަނބަލުން ވަނީ ހަވީރުގައި ބައިވެރިވި ބައެއް ކުދިންނާއި، އެ ކުދިންގެ އާއިލާތަކާ، ބައްދަލުކުރައްވައިފައެވެ.
ހުރިހާ ސްކޫލަކަށް އެހީތެރިކަން ފޯރުކޮށްދެއްވައިގެން މި އަހަރުގެ ކުޑަކުދީންގެ ދުވަސް މިފަދަ ގޮތަކަށް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ، ދުވަހުގެ ހަރަކާތްތަކުގައި ކުދީންނާއިއެކު އެކުދީންގެ އާއިލާތަކަށްވެސް ބައިވެރިވެވޭ ގޮތަށް ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުންކަމުގައި ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10ވަނަ ދުވަސް، ދިވެހިރާއްޖޭގައި ފާހަގަކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ.