އެއާޕޯޓް ޓެކްސީ ކިއުގެ މައްސަލަ ހައްލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ، ޕޮލިސް ސާވިސް އަދި އެމްއޭސީއެލް އިން މަސައްކަތް ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ދިވެހިންނަށް އެއާޕޯޓް ޓެކްސީ ކިއުއިން ކުރިމަތިވާ މައްސަލަތަކާ ގުޅިގެން އާންމު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާޓައް އެއް ދުވަހުން އަނެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ.

އެގޮތުން ވަކި މަންޒިލަކަށް ނޫނީ ދަތުރުކުރުމަށް ޑްރައިވަރުން އުޒުރުވެރި ވުމާއި، ދަތުރެއް ނެގުމަށް ފަހު، އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރު ކުރުމާއި، މިނިސްޓްރީއިން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ޑްރައިވަރުން ދަތުރު ކުރާ ކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ލިބެމުންދާކަން އެ މިނިސްޓްރީއިން ފާހަކުރެއެވެ.

މި މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާއެކު މަސައްކަތްކޮށް ޓެކްސީތަކުގެ އަގުތައް ފަސޭހައިން ފެންނާނޭ ފަދައިން އެއާޕޯޓުގައި ބޯޑުތަކެއް ހަރުކުރެވިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެއެވެ.

މީގެއިތުރުން ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ ޓެކްސީގެ މައްސަލަތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކިއުއާރްކޯޑެއް ތައްޔާރުކޮށް އާންމުކޮށްފައެވެ. އެ މިނިސްޓްރީއިން ބުނި ގޮތުގައި މި ކިއުއާރްކޯޑް މެދުވެރިކޮށް ޓެކްސީތަކާއި ޕްރައިވެޓް ހަޔާގައި ޓެކްސީގެ ހިދުމަތްދެމުންދާ ފަރާތްތަކުން އަމަލު ކުރަމުންދާ ގޮތުގެ ގިނަ ޝަކުވާތައް މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ މި ޝަކުވާތައް ބެލުމަށްޓަކައި މިނިސްޓްރީގައި ޓެކްސީ ޝަކުވާ ބެލުމާ ގުޅޭ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މިނިސްޓްރީއަށް މިހާތަނަށް ގިނަ އަދަދެއްގެ ޝަކުވާތައް ލިބިފައިވާއިރު، ހުށަހަޅާފައިވާ ބައެއް ޝަކުވާތަކާ ގުޅިގެން މައްސަލަ ބެލުމަށްޓަކައި މިނިސްޓްރީއަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރެވުނު ނަމަވެސް ބައެއް މައްސަލަތަކުގެ މައުލޫމާތު ލިބިފައިނުވާކަން މިނިސްޓްރީއިން ފާހަގަ ކުރެއެވެ.

މިހާތަނަށް މިނިސްޓްރީއަށް ލިބިފައިވާ ޝަކުވާތަކުގެ ތެރެއިން މައްސަލަ ބެލުމަށް ބޭނުންވާ މައުލޫމާތު ނުލިބޭ މައްސަލަތައް ފިޔަވާ ބާކީ ހުރި ހުރިހާ ޝަކުވާތަކާ ގުޅިގެން މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން އިތުރަށް ބުނީ އާންމުންގެ ޝަކުވާތައް އިތުރުވަމުންދިޔުމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު ހިމެނޭގޮތަށް މި މުއައްސަސާތަކުގެ މެދުގައި އަވަސް މަޝްވަރާތަކެއް ކުރެވި އެއާޕޯޓް ޓެކްސީ މެނޭޖް ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރަން ފަށާއި ވަނީ އޭޕްރީލް 7 ވަނަ ދުވަހު ކަމަށެވެ.

އެގޮތުން މިހާރު ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެއާޕޯޓުގައި ހަރަކާތްތެރިވާން ފަށައި ގަވާއިދާ ހިލާފަށް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާމެދު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ. އަދި ގަވާއިދާ ހިލާފަށް ޓެކްސީ ކުރުމުގައި ބައިވެރިވާ ބިދޭސީންނާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.