ތިލަމާލެ ބްރިޖު މަޝްރޫއުގެ 37 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާޝިދު ވިދާޅުވީ ވޭތުވެދިޔަ 5 އަހަރު ތެރޭގައި މިދިޔަ ސަރުކާރަށް ނިންމިފައި ވަނީ ބްރިޖްގެ 29 ޕަސެންޓް މަސައްކަތް ކަށެވެ.

އެއާހިލާފަށް މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން 5 މަސް ތެރޭގައި ބްރިޖްގެ 8 ޕަސެންޓް މަސައްކަތް ނިންމާފައިވާ ކަމަށް ނާޝިދު ވިދާޅުވިއެވެ. އެހެންކަމުން މިހާރު ބްރިޖް މަސައްކަތުގެ 37 ޕަސެންޓް މަސައްކަތް ނިމިފައިވާކަން އޭނާ ފާހަގަ ކުރެއެވެ.

އެފްކޯންސް ކުންފުނިން ރާއްޖޭގައި ހިންގާ ބްރިޖް މަޝްރޫއުގެ ދަށުން 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއެއް ހަދާ އިރު، މި މަޝްރޫއުގެ ކޮންޓްރެކްޓަށް ހަވާލުކޮށްފައި ވަނީ 500.20 މިލިއަން ޑޮލަރަށެވެ. މިހާތަނަށް އެ އަދަދުގެ 37.33 ޕަސެންޓަށް ވާ 186.72 މިލިއަން ޑޮލަރު ސަރުކާރުން ވަނީ އެފްކޯންސްއަށް ދައްކާފައި ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެހެންކަމުން ދެން ބާކީ ދައްކަން ޖެހޭ އަދަދީ 313.48 ޑޮލަރެވެ.

މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، ތިލަ ހިސާބުތަކުގައި އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.

މާލެ, ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އޮގަސްޓު 26، 2021 ގައެވެ. އަދި ބްރިޖުގެ އަމަަލީ މަސައްކަތް ފަށާފައި ވަނީ އޮގަސްޓް 2، 2022 ގައެވެ.