ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަސަން ޒަރީރު އައްޔަން ކުރަން ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ތ. ތިމަރަފުށި ދާއިރާ އަށް ވާދަކުރެއްވުމަށް އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައި ވަނީ ޔަޒީދުގެ އިތުރުން ޒަރީރުގެ ނަމެވެ. މި ދެ ބޭފުޅުންނަށް ރުހުން އޮތްތޯ ބެލުމަށް ވަކިވަކިން އިންޓަވިއު ކުރެއްވުމަށްފަހު ރުހުން އޮތްތޯ ބެލުމަށް ވަނީ ވޯޓަށް އަހާފައެވެ.

ޒަރީރަށް ރުހުން އޮތް ކަމަށް 10 މެންބަރުން ވޯޓު ދެއްވާފައިވާއިރު ޔަޒީދު އައްޔަން ކުރެއްވުމަށް ވޯޓު ދެއްވީ ހަތަރު މެންބަރުންނެވެ. ކޮމިޓީން ޒަރީރަށް ރުހުން ދިންއިރު އޭނާ ވަނީ ބޭންކް އޮފް މޯލްޑިވެސްގެ ޑައިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށްވެސް އައްޔަން ކޮށްފައެވެ.

ޓެކްސް ކޮމިޝަނަރަށް އައްޔަނުކުރަން ފޮނުއްވި ޔަޒީދާއި ޒަރީރުގެ މަގާމު ގެއްލުނީ، 2019 ވަނަ އަހަރު ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ. ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ އެ ބިލަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މީރާގައި ތިއްބެވި އެންމެ އިސް ދެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ވާނެ ކަމަށެވެ. އަދި ހަމަ އެ މުއްދަތުގެ ތެރޭގައި ހަ މެމްބަރުންގެ މައްޗަށް އެކުލެވޭ މީރާގެ ބޯޑު އަލުން އެކުލަވައިލަން ޖެހޭނެ ކަމަށް ބުނެފައިވާއިރު ބޯޑަށް އިތުރު މެންބަރަކު އައްޔަން ކުރަންޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.