ފުލުހުންގެ އިދާރާގެ ބައެއް ލޮޖިސްޓިކްސް މަސައްކަތްތަކަށް ބިދޭސީން ހޯދަން އިއުލާން ކުރުމަށް ފަހު އިއުލާން ބާތިލް ކޮށްފިއެވެ.
ކުރިން އިއުލާން ކުރީ ފުލުހުންގެ އިދާރާގެ ބޭނުމަށް ބިދޭސީން ގެނައުމާއި އެމީހުންނާ ގުޅޭ ހުރިހާ ކަމެއް ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ކޮށްދޭނެ ބަޔަކު ހޯދުމަށެވެ. ނަމަވެސް އެ އިއުލާން ބާތިލް ކުރިކަން ހާމަ ކުރައްވައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ދިވެހިންނަށް ވަޒީފާދިނުމުގައި އިސްކަން ދެވޭގޮތަށް ފުލުހުންގެ ހިދުމަތުން އަމަލު ކުރުމަށް ނިންމާފައިވާތީ ކަމަށެވެ.
ފުލުހުންގެ މި ނިންމުމަކީ ނަމޫނާ ނިންމުމެއް ކަމަށް އާންމު ބައެއް ފަރާތްތަކުން ބުނެއެވެ. އަދި މި ނިންމުން އައީ އާންމުންގެ ފަރާތުން ފެންމަތި ކުރަމުން ދާ ޝަކުވާތަކާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ދާއިރާތަކުގައި ބިދޭސީން ގެންގުޅެނީ ކީއްވެތޯ ކުރަމުންދާ ސުވާލުތަކާ ގުޅިގެން އަޅަ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ވެސް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ދާއިރާތަކުން ބިދޭސީންނަށް ވަޒީފާ ދޭ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ބިދޭސީންނަށް ވަޒީފާ ދިނުމަކީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި ވަކިން ހާއްސަކޮށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭ މުވައްސަސާތަކުގައި ބިދޭސީންނަށް ފުރުސަތު ދޭން ބޭނުން ނުވާ ކަމަށެވެ.
މިނިސްޓަރު އެހެން ވިދާޅުވެފައި ވަނިކޮށް ފުލުހުން ކުރި އެ އިއުލާން ބާތިލު ކޮށްފައި ވާ އިރު ޗީފް ސުޕްރިންޓެންޑެންޓް ޝިފާން ވިދާޅުވީ ދެން ފުރުސަތު ދިނުމުގައި އިސްކަން ދޭނީ ދިވެހިންނަށް ކަމަށެވެ.
ސަލާމަތީ ހިދުމަތްތަކުގެ ތެރޭގައި ބައެއް ކަހަލަ ފަންނީ މަސައްކަތްތަކާއި ލޮޖިސްޓިކްސް [ކެއުން ބުއިމުގެ ހިދުމަތާއި، މުދަލާއި ތަކެތި އުފުލައި ފޮޅާ ސާފުކޮށް ހެދުން ފަދަ މަސައްކަތްތަކުގައި] ބިދޭސީން ގެންގުޅޭކަން ފާހަގަ ކުރެވެއެވެ. ފަންނީ މަސައްކަތްތަކުގައި ބޭރުގެ ތަޖުރިބާކާރުން ފެނިގެން ގޮސްފައި ވާ އިރު އާދައިގެ ލޮޖިސްޓިކްސް މަސައްކަތްތަކުން ފެންނަނީ ގިނައިން ބަންދްލަދޭޝްގެ ރައްޔިތުންނެވެ.
ފުލުހުން މި ގެނައި ބަދަލަކީ ހެޔޮ ބަދަލެއް ކަމަށް ބަލައިގަންނަ ފަރާތްތަކުން ބުނަމުން ދަނީ، ރާޢްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަކީވެސް ހެޔޮ މަސައްކަތެއް ކަމަށާއި މި ބަދަލަށް މަރުހަބާ ކިޔާ ކަމަށެވެ.
ރާއްޖޭގައި އިންޑިއާގެ 89 ސިފައިން ތިބި އިރު، 3 ބުރަކަށް ބަހާލައިގެން އެ އެންމެން ރާޢްޖެއިން ފޮނުވާލުމުގެ މަސައްކަތް މިހާރުވެސް ދަނީ ހިނގަމުންނެވެ. އެ ގޮތުން 2 ބުރަކަށް ސިފައިން ފޮނުވާލާފައި ވާ އިރު 3 ވަނަ ބުރު މި މެއި މަހުގެ 10 ގެ ކުރިން ފޮނުވާލާނެއެވެ.