މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ "ފުލުހަކާއެކު ކޮފީއެއް" ހަރަކާތް މޫސުން ގޯސް ވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.
އާންމުންނާއި އެކުވެރި މާހައުލެއްގައި ބައްދަލުވެ، ވާހަކަދައްކާލުމުގެ ގޮތުން، އެންމެ ފުރަތަމަ މި އިވެންޓް ބާއްވަން ނިންމީ މިއަދު ހަވީރު 16:30 އިން 18:00 އަށް ހުޅުމާލެ ފޭސް 2، ހިޔާ ޕާކު ސަރަހައްދުގައެވެ. އެހެންނަމަވެސް މިއަދު ބާއްވަން ނިންމި މި އިވެންޓު މޫސުން ގޯސްވުމުން ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރައްޔިތުންނާ ގާތުން ހި ދުމަތް ދިނުމަށްޓަކައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް ފުލުހުން ގެންދަވަނީ އެކިކަހަލަ ޕްރޮގްރާމްތައް ހިންގަމުންނެވެ. މި ގޮތުން މި ސިލްސިލާގެ ޕްރޮގްރާމެއް މިދިޔަ އަހަރު ޑިސެމްބަރު މަހުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. 'ފުލުހަކާއެކު ކޮފީއެއް' އަކީ ސިލްސިލާކޮށް ރައްޔިތުންނާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނުރަސްމީކޮށް ކޮފީއެއްގައި ފުލުހުންނާއެކު ކުރިއަށްގެންދާ މިބައްދަލުވުމުގައި ރައްޔިތުންގެ ހުރި ނުތަނަވަސްވާ ކަންކަމާއި ކަންބޮޑުވުންތައް ހިއްސާކޮށް ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާ ހިދުމަތް ފުރިހަމަކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.