އަބޫދާބީ ފަންޑު ފޯ ޑިވަލޮޕްމަންޓް (އޭޑީއެފްޑީ)ގެ މާލީ އެހީތެރިކަން ހޯދަން ރާއްޖެއިން ހުށައަޅާފައިވާ ހުށައެޅުންތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.

އެ ފަންޑުގެ ޑިރެކްޓަ ޖެނެރަލް، މުހައްމަދު ސާއިފް އަލް ސުވައިދީއާއެކު ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިއްޔެ މަޝްވަރާ ކުރައްވާފައި ވަނީ އެމަނިކުފާނު ޔުއޭއީއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިންނެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖެއާއި އަބޫދާބީ އާ ދެމެދު ވީ ޒަމާނީ ގުޅުން ވަނީ ފާހަގަ ކުރައްވާފައެވެ. އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް ލިބެމުންދާ އެހީތަކަށް ޒަމީރު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އަދި އޭޑީއެފްޑީ ސަރުކާރުން ހުށައަޅާފައިވާ ހުށައެޅުން ތަކަށް އަލި އަޅުއްވާލާ އެ ހުށައެޅުންތަކައިގެން ކުރިއަށް ދާނެ ގޮތްތަކާ މެދު ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އަބޫ ދާބީ ފަންޑުން ދަނީ މިހާރުވެސް ރާއްޖޭގެ ބޮޑެތި މަޝްރޫއުތަކަށް އެހީވަމުންނެވެ. އެގޮތުން ވީއައިއޭގެ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަޝްރޫއު ފާހަގަކޮށްލެވެއެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ވެސް އެ ފަންޑުން މާލީ އެހީ ދިން މަޝްރޫއުއެކެވެ. ޒަމީރު ވިދާޅުވި ގޮތުގައި މާފަރު އެއާޕޯޓަކީ އަބޫ ދާބީ ފަންޑާއި ރާއްޖެ ގުޅިގެން އިތުރު އިންވެސްޓްމެންޓްތައް ހޯދަން ހުޅުވުނު ދޮރެއް ކަމަށެވެ.

ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރާއި އަބޫދާބީގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު ހަސަން ވަހީދާއި އަބޫދާބީގައި ހުންނަ ދިވެހި އެމްބަސީގެ ކައުންސެލާ މޫމިނާ އިބްރާހީމް ވަނީ ބައިވެރވެވަޑައިގެންފައެވެ.