ށ. ފުނަދޫ ދާއިރާގެ އިންތިހާބީ މެންބަރު، މުހައްމަދު މަމްދޫހް (މަންޑޭ) އަށް ސިހުރު ހެދި ކަމުގެ ތުހުމަތާއެކު އޭނާއަށް ތާއީދު ކުރާ ބަޔަކު އިހުތިޖާޖު ކުރަން ފަށައިފިއެވެ.
އެ ރަށުން "ދަ ޕްރެސް" އާ ވާހަކަ ދެއްކި މީހަކު ބުނީ މަމްދޫހު އަށް ސިހުރު ހަދާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ކަމަށާއި އެ ރެއަކީ މަމްދޫހު އިންތިހާބުވުމާ ގުޅިގެން އުފާ ފާޅުކުރި ރޭ ކަމަށެވެ.
އޭނާ ބުނިގޮތުގައި ސިހުރު ހެދުމުގެ ގޮތުން 'ކަބީލާ ލޮއި' ގައި މަމްދޫހުގެ ނަމާއި ގުރުއާންގެ އާޔަތްތައް ލިޔެ ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ގަސްގަހަށް ޖަހާފައިވާ ކަމަށެވެ. އަދި އެ ލޮއިތައް ގަސްގަހަށް ޖަހަނިކޮށް އެ ރަށުގެ ބައެއް މީހުންނަށް ފެނިފައި އެބަހުރި ކަމަށް އޭނާ ބުންޏެވެ. ސިހުރު ހަދާފައި ވަނީ މަމްދޫހު 'މަރާލުމަށް' ކަމަށް ރުގްޔާ ކުރާ މީހުންނާ ހަވާލާދީ އޭނާ ތުހުމަތު ކުރެއެވެ.
"މިއީ ހަމަ އޭނާ [މަމްދޫހު] މަރާލުމަށް ހަދާފައިވާ ސިހުރުތަކެއް. މިހާރު އަޅުގަނޑުމެންނަށް ފަސް އެތިކޮޅު ފެނިއްޖެ. ދަންނަ މީހުން ބުނަނީ އަދި ދެ ސިހުރު ވާނެ ކަމަށް އެ ދެ އެތި ނުފެނިގެން މި އުޅެނީ." 'ދަ ޕްރެސް' އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
އަދި މިހާތަނަށް ފަސް ގަހަކުން މޮހޮރު ގޮތަށް ހަދާފައި ހުރި ލޮއިކޮޅުތައް ފެނިފައިވާ ކަމަށް ނަން ނުޖަހަން ޝަރުތުކޮށް "ދަ ޕްރެސް" އާ އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، އެ ރަށުގެ އިންތިހާބީ މެންބަރަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މިހާތަނަށް އޭނާގެ ބަންދާ މެދު ގޮތެއް ނުނިންމާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލއާ ގުޅިގެން މަމްދޫހުގެ ސަޕޯޓަރުން ދަނީ އެ ރަށުގެ މަގުތަކަށް ނުކުމެ އިހުތިޖާޖު ކުރަމުންނެވެ. މި މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމު ވެފައި ވާއިރު އެ ވީޑިއޯތަކުގައި ރަށުގެ ރައްޔިތުން ދަނީ ކައުންސިލްގެ ރައީސްގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.
މި ސިހުރި ހެދި ކަމުގެ ތުހުމަތު ކުރަނީ ކައުންސިލްގެ ރައީސަށެވެ. އެމީހުން ބުނާ ގޮތުން އޭނާގެ ރައްޓެއްސެއްގެ ގޭގައި ސިހުރިވެރިއަކު ބަހައްޓައިގެން އޭނާ އުޅެފައި ވެއެވެ.
މިކަމުގައި ކައުންސިލް ރައީސްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.