އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އައިމިނަތު ރަމްޝާ، ކެންސަރު ބަލީގައި މިއަދު އަވަހާރަ ވެއްޖެއެވެ.

ޑރ. ރަމްޝާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާފައެވެ. ރަމްޝާގެ މަންމަވެސް އަވަހާރަ ވެފައިވަނީ ހަމަ ކެންސަރު ބަލީގައެވެ. ކެންސަރަށް އިތުރު ފަރުވާ ހޯއްދެއްވުމަށް 2020 ވަނަ އަހަރު ޑރ. ރަމްޝާ ތައިލެންޑަށް ދިރިއުޅުން ބަދަލު ކުރެއްވިއެވެ. ކެންސަރު ބަލީގައި އަވަހާރަ ވީ ތައިލެންޑުގައި އިންނަވަނިކޮށެވެ.

ޑރ. ރަމްޝާ އަކީ ކޮވިޑް-19 ގެ ދުވަސްވަރު ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން އޮންލައިންކޮށް ކްލަބް ހައުސް މެދުވެރިކޮށް ގިނަ ބަޔަކާ ވާހަކަދައްކަވައި، ކަންކަމާ ގުޅޭ ގޮތުން ނަސޭހަތް ދެއްވިއެވެެ. ޑރ. ރަމްޝާގެ މަންމަވެސް ކެންސަރު ބަލީގައި ދުނިޔެ ދޫކުރައްވާފައި ވުމުން ރަމްޝާ ވަނީ އެ ތަޖުރިބާތައް ހިއްސާކުރައްވައި ކެންސަރު ބަލީގެ ވޭން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ހިތްވަރުވެސް ދެއްވާފައެވެ.

ޑރ. ރަމްޝާ އަބަދުވެސް ފާހަގަ ކުރެވިފައިވަނީ އެންމެންނާވެސް ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ރަމްޝާއާ ދިމާވި ބޭފުޅަކު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ރަމްޝާއަށް ނިސްބަތްކޮށް ބުނެފައިވަނީ "ލޯފަން ކުދިންނަށް ނަސޭހަތްތެރިވެ އިރުޝާދު ދެމުން ގެންދިޔަ މިތުރެއް އެއީ. ވަރަށް ހިތްހެޔޮ ހިތްވަރުގަދަ ނަމޫނާ ޝަހްސިއްޔަތެއް" ކަމަށެވެ.

ޑޮކްޓަރެއްގެ އިތުރުން ރަމްޝާ އަކީ އެތްލީޓެއްވެސް މެއެވެ. އެގޮތުން 800 މީޓަރާއި 1500 މީޓަރުގެ ދުވުންތަކަށް އޭނާ ހާއްސަވެފައި ވާއިރު ރާއްޖެ ތަމްސީލު ކުރެއްވުމަށްޓަކައި ބޭރު ގައުމުތަކުގެ ދުވުމުގެ މުބާރާތްތަކަށްވެސް ރަމްޝާ ވަނީ ވަޑައިގެންފައެވެ.