ކެންސަރު ބަލީގެ މީހުން އެ ބަލިން ރައްކާތެރިކޮށްދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަ ކުރާ ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. މި ހާއްސަ ދުވަހާ ގުޅިގެން އެމަނިކުފާނު ވަނީ ކެންސަރު ބަލީގެ ޝިކާރައަކަށްވި މީހުންނާއި، ކެންސަރު ބަލީގެ ޝިކާރައަކަށްވެފައިވާ އެންމެންގެ ހިތްވަރުގަދަ ކަމުގެ އަގު ވަޒަންކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ކޮންމެ އަހަރަކުވެސް ކެންސަރު ބަލީގެ ޝިކާރައަކަށްވާ އެތައް ބައެއްގެ ފުރާނަ ނަގާއިރު، މި ބަލި ޖެހިފައިވާ މީހުންނަށް އެހީވުމަށް ހޭލުންތެރިކަން އިތުރުކޮށް، އެކަމުން ރައްކާތެރިވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ހަމަ އެހެންމެ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ހިދުމަތް ތައާރަފްކޮށް، ކެންސަރު ބަލީގެ ޒަރޫރީ ފަރުވާ މާލެ ފިޔަވައި އެހެން ސަރަހައްދެއްގައި ފެށީ، އެފަދަ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުންވެސް ސިއްހީ ހިދުމަތްތެރިންނާއި، މަދަނީ ޖަމިއްޔާތަކާއި އެންޖީއޯތަކުން ކޮންމެ ދުވަހަކު ވެސް ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، އަމިއްލަ ފަރުދުންނާއި އާއިލާތަކަށް އުންމީދު، ހިތްވަރު އަދި މަގު ދައްކައިދޭ އެހީތެރިންނަށް ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ ދަފްތަރުގައި މިދިޔަ އަހަރު 111 މީހުން ޖެހިފައިވާ އިރު، ވޭތުވެ ދިޔަ 6 އަހަތު ތެރޭ އެ ދަފްތަރުގައި ޖުމްލަ 1106 މީހުން ޖެހިފައި ވެއެވެ. އެގޮތުން ވޭތުވެ ދިޔަ 6 އަހަރު ތެރޭ އެންމެ ގިނަ ކޭސް ދަފްތަރުވެފައި ވަނީ 2021 އަދި 2022 ވަނަ އަހަރުއެވެ. އަދި އެންމެ މަދުން މީހުން ދަފްތަރުގައި ޖެހިފައި ވަނީ މިދިޔަ އަހަރުއެވެ.
