ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ ދަފްތަރުގައި މިދިޔަ އަހަރު 111 މީހުން ޖެހިފައިވާ އިރު، ވޭތިވެ ދިޔަ 6 އަހަތު ތެރޭ އެ ދަފްތަރުގައި ޖުމްލަ 1106 މީހުން ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއަދު ފާހަގަކުރާ ކެންސަރު ބަލީގެ ދުވަހާ ގުޅުވާ އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތަކުގައި ވަނީ ވޭތުވެ ދިޔަ 6 އަހަރު ކެންސަރު ބަލީގެ ދަފްތަރުގައި އަލަށް ޖެހިފައިވާ މީހުންގެ މައުލޫމާތެވެ. އެ ގޮތުން 2020 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ޖުމްލަ 1106 މީހުން އެ ދަފްތަރުގައި ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ކޮންމެ އަހަރު ކެންސާ ދަފްތަރުގައި ހިމެނޭ އާ ކޭސްތައް:
- 2020 ގައި 137 ކޭސް
- 2021 ގައި 208 ކޭސް
- 2022 ގައި 244 ކޭސް
- 2023 ގައި 211 ކޭސް
- 2024 ގައި 195 ކޭސް
- 2025 ގައި 111 ކޭސް
ކެންސަރު ބަލީގެ ދަފްތަރު ބަލަހައްޓަން ފެށި ފަހުން ކޮންމެ އަހަރަކު ވެސް އާ ކޭސްތައް ދަފްތަރު ވަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ވޭތުވެ ދިޔަ 6 އަހަރު ތެރޭ އެންމެ ގިނަ ކޭސް ދަފްތަރުވެފައި ވަނީ 2021 އަދި 2022 ވަނަ އަހަރުއެވެ. އެ 6 އަހަރު ތެރޭގައި އެންމެ މަދުން މީުން ދަފްތަރުގައި ޖެހިފައި ވަނީ މިދިޔަ އަހަރުއެވެ.
އެގޮތުން 2021 ވަނަ އަހަރު ޖުމްލަ 208 މީހުން ދަފްތަރު ވެފައިވާ އިރު 2022 ވަނަ އަހަރު ދަފްތަރުވެފައި ވަނީ 244 މީހުންނެވެ. އެންމެ މަދުން މީހުން ދަފްތަރުގައު ޖެހިފައިވާ 2025 ވަނަ އަހަރު ޖުމްލަ 111 މީހުން ދަފްތަރުގައި ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ކެންސަރު ބަލި ޖެހިފައިވާ މީހުންގެ ޖިންސަށް ބަލާއިރު ރާއްޖޭގައި ކެންސަރު ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި 57 ޕަސެންޓް މީހުންނަކީ އަންހެނުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި މި ބަލި ޖެހިފައިވާ ފިރިހެނުންގެ ނިސްބަތް މި އުޅެނީ 43 ޕަސެންޓްގައެވެ.
