"ހަ ވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް 2024" އެވޯޑް ނައިޓް ނިންމުމުގެ ހަފުލާ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

މި އަހަރު ދިވެހިރާއްޖޭގައި ކުރިއަށް ގެންދިޔަ ފުރަތަމަ ބައިނަލްއަގުވާމީ މި މުބާރާތް ބާއްވާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތުގައި ބައިވެރިވި ދިވެހިރާއްޖޭގެ ބައެއް ކުޅުންތެރިން ވަނީ އެކި ކެޓެގަރީތަކުން ވަނަތައް ހާސިލު ކޮށްފައެވެ. ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ އެވޯޑް ނައިޓާއި، މުބާރާތް ނިންމުމުގެ ހަފުލާގައި ނައިބު ރައީސް ވަނީ މި މުބާރާތުން އެއްވަނަ ހާސިލުކުރި ފަރާތަށް އިނާމު ހަވާލު ކޮށްދެއްވާފައެވެ.

މި ހަފުލާގައި ހިދުމަތާއި ޝުކުރުގެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވުމާއި މުބާރާތް ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިން ފަރާތްތަކަށް ވެސް ވަނީ ހަނދާނީ ފިލާ ހަވާކޮށްފައެވެ.

ދިވެހި ހުރިހާ އެތުލީޓުންނާއި ކުޅުންތެރީންގެ އަޑުއަހައިގެން، ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ދެއްވާފައެވެ. ރައީސް ވިދާޅުވެފައި ވަނީ މި އަހަރުތެރޭގައި ކުޅިވަރު އެސޯސިއޭޝަންތަކަށް ކުރިއެރުމާއި ހަރަކާތްތެރިކަން އަންނާނޭ މަގުތައް މި ސަރުކާރުން ފަހިކޮށްދެއްވާނެ ކަމުގައެވެ.

މީގެއިތުރުން ކުޅިވަރު މުބާރާތްތަކަށް ދިވެހި އެތުލީޓުންނާއި ކުޅުންތެރީން ތަމްރީނު ކުރުމާއެކު، ދުރު ރާސްތާގެ ދެމެހެއްޓެނިވި ކާމިޔާބީއަށް އަމާޒު ހިފައިގެން މައްސަކަތް ފައްޓަވާނެކަމުގައިވެސް އެމަނިކުފާނު ދެއްވި ރިޔާސީ ބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ.