ފަލަސްތީނުގެ ދާހިލީ ކަންކަމުގައި ބާރުވެރިކަން ހޯދަން މަސައްކަތް ކުރާ ފަތަހް ޖަމާއަތާއި ހަމާސްގެ މަޝްވަރާތަކެއް ޗައިނާގެ ވެރިރަށް ބެއިޖިންގައި ފެށިގެން ކުރިއަށް އެބަދެއެވެ.
ފަހަތް އަކީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި މިހާރު ވެރިކަން ކުރާ ޖަމާއަތެވެ. ހަމާސް އަކީ ގާޒާގައި ވެރިކަން ކުރާ ޖަމާއަތެވެ. މި ދެ ޖަމާއަތަކީ ފަަލަސްތީނުގެ ދާހިލީ ކަންކަމުގައި ބާރުވެރިކަން ހޯދަން މީގެ ކުރިން ހަނގުރާމަވެސް ކޮށްފައި ވާ ވާދަވެރި 2 ޖަމާއަތެވެ.
ގާޒާގެ ވެރިކަން ހަމާސް އަށް ލިބުނީ ފަލަސްތީނުގެ އާންމު އިންތިހާބުގައި ހަމާސްގެ ލީޑަރުން ކުރި ހޯދުމުން އެ ނަތީޖާ ފަތަހް އިން ގަބޫލު ނުކުރުމުން ހިނގި ހަނގުރާމަ އަށް ފަހު 2007 ގައެވެ. އޭރު ގާޒާވެސް އޮތީ ފަތަހް ގެ ކޮންޓްރޯލްގައި ނަމަވެސް އެ ހަނގުރާމަ އަށް ފަހު ގާޒާއިން ފަހަތް ފަހާ ބޭރުކޮށްލުމަށް ފަހު މިއަދާ ޖެހެންދެން ވެސް ގާޒާ އޮންނަނީ ހަމާސްގެ ކޮންޓްރޯލް ގައެވެ. ނަމަވެސް އިޒްރޭލުގެ އުދުވާނީ ސިފައިން ގާޒާއަށް ހަމަލާދީ އެތައްހާސް ބަޔަކު ޝަހީދު ކުރަން ފެށުމާއެކު ހާލަތާއި މަޝްރަހު ބަދަލުވެ ގާޒާގެ މުސްތަގުބަލާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
ފަލަސްތީނުގެ ސިޔާސީ މުސަތަގުބަލު ބައްޓަން ކުރުމުގެ މަޝްވަރާތަކަށް މި ދެ ޖަމާއަތުން ޗައިނާ އަށް ދިޔައީ ޗައިނާގެ އިސް ނެގުމަށެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ލިން ޖިއާން ވިދާޅުވީ، ހަމާސް އާއި ފަހަތް ގެ މަންދޫބުން އެކުވެރި ޖައްވެއްގައި ތަފާތު ގިނަ މައުޟޫތަކުގައި މަޝްވަރާ ކޮށްފައި ވާ ކަމަށާއި ފަލަސްތީނަށް ސިޔާސީ ހަމަޖެހުން ގެނައުމަށް ދެފަރާތުންވެސް އެއްބަސް ވާ ކަމަށެވެ. މަޝްވަރާގެ މަގުން ކުރިއަށް ގޮސް ސިޔާސީ ހަމަޖެހުން ގާއިމު ކުރުމަށް ދެފަރާތުން އެއްބަސްވުމަކީ ލިބުނު ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ދެ ޖަމާއަތުން ޗައިނާގައި މަޝްވަރާ އަށް ދިޔަ އިރު މި ދެޖަމާއަތް ހިމެނޭހެން އަދި އިތުރު ފަރާތްތައް ޝާމިލުވާ ގޮތުން، މިއަހަރުގެ ކުރީކޮޅު ރަޝިއާގައި ވެސް ބައްދަލުކޮށް މަޝްވަރާ ކޮށްފައި ވެއެވެ. އެ މަޝްވަރާތަކުގައި ވެސް ވާހަކަ ދެއްކި އެއް ކަމަކީ ހުރިހާ ފަރާތްތަކަކުން ގުޅިގެން ފަލަސްތީނަށް ސިޔާސީ ހަމަޖެހުން ގެނައުމުގެ ވާހަކައެވެ.
ޗައިނާ އާއި ރަޝިއާ އަކީ އިޒްރޭލާއި ފަލަސްތީން ދައުލަތް ވަކިން އުފައްދަން ތާއީދު ކުރާ ދެގައުމަށް ވާއިރު، އދ ގެ މަޖިލީހުގައި މި ދެގައުމުން މިހާރު އެކަމަށް ވަކާލާތު ކުރެއެވެ. އަދި ރަޝިއާ އަށް ވުރެ ބޮޑަށް ޗައިނާ އަކީ މެދުއިރުމަތީގައި މިފަހުން ގާއިމު ވަމުން ދިޔަ ސުލްހައިގެ މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން ދިޔަ ފަރާތް ކަމަށް ވާއިރު، ހަމާސް އާއި ފަތަހް ގެ މަޝްވަރާތަކުން އަލިމަގެއް ފެނުމަކީ ޗައިނާއިން ކުރާ އުއްމީދެކެވެ.
ގާޒާ އަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލައި ސުލްހަ ވުމަށް ޗައިނާ އިން ގޮވާލަމުން ގެންދާ އިރު، އިޒްރޭލަށް މަދަދު ދޭ އަދި ޗައިނާއާ ދެކޮޅުވެރި އެމެރިކާ އިން ދަނީ އިޒްރޭލަށް އަސްކަރީ ގޮތުންނާއި ފައިސާ އާއި ވިލަރެސް ކުރުމުގެ ރޮގުން އެހީތެރިކަން ފޯރުކޮށްދީ އިޒްރޭލުގެ ހަނގުރާމަ އަށް ހިތްވަރު ދެމުންނެވެ.