ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި ކުށްކުރާ ބިދޭސީން އިތުރުވަމުން އަންނަ އިރު މައްސަލަތައް ހައްލު ކުރުމަށް މި ސަރުކާރުން މަސައްކަތްތައް ރާވާފައިވާ ކަމަށާއި އަދި ކުރިއަށް އޮތް 3 އަހަަރު ތެރޭ އެ މައްސަލަ އެކީ ހައްލުކޮށް ނިންމާލެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މިނިސްޓަރުންނާ ސުވާލުކުރުމުގެ ފުރުސަތު ދޭ "އަހާ" ފޯރަމްގައި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ސާފުކޮށްދޭން އެދުމުން އިހުސާން ވިދާޅުވީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، އެމީހުންގެ ވޯކް ޕާމިޓާ ދިމާވޭތޯ ބެލުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރު ވެފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހު ރަށްރަށުގައި ބިދޭސީންގެ ފޮޓޯއާއި ފިންގަ ޕްރިންޓް ނެގުމުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބިދޭސީންނާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ބައެއް މީހުންނަކީ ވޯކް ޕާމިޓް ވެސް އޮތް މީހުން ނޫން ކަމަށާއި ހަމައެއާއެކު އެމީހުންގެ ވަނަވަރު ފާހަގަ ކުރެވޭނެ އެއްވެސް ލިޔެކިޔުމެއް ނެތް މީހުންވެސް އެބަތިބި ކަމަށެވެ. އެހެންވެ، ގަވާއިދާ ހިލާފުވެފައި ތިބީ ކޮން ބައެއްތޯ އާއި އެ މީހުން ތިބީ ކޮން ކުންފުންޏެއް ނުވަތަ މީހެއްގެ ބެލުމުގެ ދަށުގައިތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

އަންނަ މަހުގެ 2 ވަނަ ދުވަހު ފަށަން ތައްޔާރުވެފައިވާ މި ޕްރޮގްރާމްގެ ތެރެއިން ގަވައިދަށް އުޅޭ ބިދޭސީންނާއި ގައިވާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެވޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ މީހުން އައިޑެންޓިފައި ކުރުމަށްފަހު ފަސޭހަ ގޮތަކަށް އެ މީހުން ގަވާއިދުގެ ތެރެއަށް ފެއްތޭނެ ގޮތެއް ހަމަޖައްސަން ސަރުކާރުން ނިންމާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އަދި ބިދޭސީންގެ ތެރޭގައި ވެސް ވަރަށް ބޮޑަށް ގާނޫނާ ހިލާފުވެފައި ތިބޭ މީހުން ތިބޭ ކަމަށާއި އެކަމަކު ސަރުކާރުން ބޭނުންވަނީ އެ މީހުންނަށް ވެސް ގަވާއިދަށް އުޅުމަށް ފުރުސަތެއް ދޭން ކަމަށް އިހުސާން ވިދާޅުވިއެވެ. އެ ފުރުސަތުގެ ބޭނުން ނުހިފައިފި ނަމަ ދެން އޮތް ގޮތަކީ ޑިޕޯޓްކޮށްލުން ކަމަށް އިހުސާން ވިދާޅުވިއެވެ.