2024ގެ ދިރާސީ އާ އަހަރުގެ ބޮޑު ޗުއްޓީ ރޯދަމަހަށް ލިބޭ ގޮތަށް އެކެޑަމިކް ކަލަންޑަރަށް އެޑިއުކޭޝަން މިނިސްޓްރީން ބޮޑު ބަދަލެއް ގެނެއްސިއެެވެ.

2024ގެ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ މަހު 26 ގައި ފެށޭއިރު، ކިޔެވުން ނިމޭނީ އަންނަ އަހަރު މާޗުގައެވެ. މިއަދު އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ފައިނަލް ކަލަންޑަރުގައިވާ ގޮތުން އަންނަ މަހު ފަށާ ދިރާސީ އަހަރުގެ ފުުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 26 ގައެވެ. ފުރަތަމަ ޓާމް ޗުއްޓީ ލިބޭނެ ކަމަށް މިހާރު އޮތީ ސެޕްޓެމްބަރު 29 އިން އޮކްޓޫބަރު 3 އަށެވެ.

ދެވަނަ ޓާމުގެ ކިޔެވުން ފަށަން ހަމަޖެހިފައިވަނީ އޮކްޓޫބަރު 6 ގައެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ މާޗް 6 ގައި އަދި މާޗް 9 އިން އޭޕްރީލް 3 އަށް އެއީ ބޮޑު ޗުއްޓީ ކަމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. ކަލަންޑަރުގައި އަންނަ އަހަރުގެ ރޯދަ މަސް ފެށޭ ދުވަހެއް ކަމަށް އޮތީ ފެބްރުއަރީ 28 އެވެ. އަންނަ އަހަރުގެ ވެސް ރޯދަ މަހުގެ ފަހު 10 ބަންދުވާ ގޮތަށް އޮތް އިރު ދަރިވަރުންނަށް ބޮޑު ޗުއްޓީ ދީފައި ވަނީ ވެސް އެ ދުވަސްތައް ބޮޑު ޗުއްޓީއަށް ވަންނަ ގޮތަށެވެ.

ސުކޫލުތަކަށް މިނިސްޓްރީން ފޮނުވި އެކެޑަމިކް ކަލަންޑަރު

ޒަމާނުންސުރެ ރާއްޖޭގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީގައި ކަމަށްވިޔަސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ވިސްނަވާ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން އަހަރުގެ މެދު ތެރެއަށް ބަދަލުކުރައްވާފައެވެ. މި ބަދަލާއެކު 2025 ވަނަ އަހަރު ޑިސެމްބަރު މަހު ކުރިއެކޭވެސް އެއްގޮތަށް ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނެއެވެ.

ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އާ އަހަރު ފެށޭ ދުވަހަށް ބަދަލު ގެނައުމަށް ރޭވިފައި ވަނީ ކުއްލިއަކަށް އެ ބަދަލު ގެނައުމުގެ ބަދަލުގައި ތައުލީމީ ކަލަންޑަރަށް މަދުމަދުން ގެނެވޭ އިސްލާހު ތަކަކާއެކު ކަމަށެވެ. އެގޮތުން މި ބަދަލު ގެނެވޭނީ ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މިކަމަށް ހައްލު ލިބޭ ގޮތަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ބަަދަލު ގެންނާނީ ދަރިވަރުންގެ ކިޔެވުމަށް މި ކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އުނދަގޫތަކެއް ކުރިމަތި ނުވާނެ ގޮތުގެ މަތިން ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެކަން ކުރެވިފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީއިން ކަމާ ގުޅޭ ފަރާތްތަކާއެކު ވަރަށް ތަފްސީލުކޮށް މަޝްވަރާ ކުރުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖެނުއަރީ މަހު ދިރާސީ އާ އަހަރު ފަށާ ގޮތަށް ކިޔެވުމަށް ބަދަލު ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.