ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ގާނޫނުތައް ހުށަހެޅުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރަމުންދާ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ހީނާ ވިދާޅުވީ މަޖިލިސް ފެށުމާއެކު މަޖިލީހަށް ހުށަހަޅަން ބޭނުންވާ ވަރަށް ގިނަ ގާނޫނުތަކެއް ހުރި ކަމަށެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއް ދޭނީ ހަފްތާ 14ގެ ތެރޭގައި ހިމެނޭ މުހިންމު ގާނޫނުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ގާނޫނުތައް ހުށަހަޅާނީ ހަފްތާ 14ގެ ތެރޭގައި ހިމެނޭ ގާނޫނުތަކަށް އަހަންމިއްޔަތުކަން ދީގެން ކަމަށެވެ. އަދި ރައީސްގެ މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކައި ގާތްގަނޑަކަށް 200އެއްހާ ގާނޫނު ކުރިއަށް އޮތް ތަނުގައި ހުށަހަޅަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ. އެ އަދަދު އިތުރުވެދާނެ ކަމަށާއި ގާނޫނުތައް ހުށަހެޅުމަށް އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް މިހާރު ފެށިގެން ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ގާނޫނުތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި ގުޅުން ހުރި ގާނޫނުތައް، ޖިނާއީ އަދުލުގެ ގާނޫނުތައް، އިޖުތިމާއީ ރައްކާތެރިކަމާ ގުޅުން ހުރި ގާނޫނުތައް އަދި ދައުލަތުގެ ހިންގުމުގެ ނިޒާމާ ގުޅުން ހުރި ގާނޫނުތައް ހިމެނޭ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި އޭގެއިތުރުން ވެސް މަޖިލީހަށް ހުށަހަޅަން ބޭނުންވާ އެފަދަ މުހިންމު ގާނޫނުތަކެއް ހުރިކަން ހީނާ ފާހަގަ ކުރެއްވިއެވެ.

ކުރިއަށް މިދާ 19 ވަނަ މަޖިލީހުގެ މި ދައުރުގައި ބާކީ އޮތީ އެންމެ ޖަލްސާއެެއްކަން ފާހަގަ ކުރައްވާ ހީނާ ވިދާޅުވީ އެ ޖަލްސާ ނިމުމާއެކު ކޮމިޓީ މަރުހަލާގައި އަދި ނުނިމި ހުރި ހުރިހާ ގާނޫނުތައް ރިސެޓް ވާނެ ކަމަށެވެ. އޭގެ ތެރޭގައި އަލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ގާނޫނުތައް ވެސް ހުރިކަމަށް އޭނާވިދާޅުވިއެވެ.

އެގޮތުން ބިމާ ބެހޭ ގާނޫނު، ރިއަލްއެސްޓޭޓް ވިޔަފާރިއާ ބެހޭ ގާނޫނު، އިޖުތިމާއީ ބޯހިޔާވަހިކަމުގެ ގާނޫނު، އާބަން ޑިވެލޮޕްމެންޓްގެ ގާނޫނުގެ އިތުރުން ކޮޕީ ރައިޓްސްގެ ގާނޫނުގެ އަދި ޕްރިވެންޓިވް ހެލްތް ކެއާގެ ގާނޫނުއަށް އިސްލާހު ހުށަހެޅުން ހިމެނޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ހަމައެއާއެކު މަޖިލީހުން ބޭރުކޮށްލި އެސްޑީއެފްގެ ގާނޫނު އަދި ކަފާލާތުގެ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވެސް އަލުން ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.