ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ 4 ގެއަކަށް ގެންލުންވެ އެ ގޭތަކުގައި ދިރިއުޅޭ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފިއެވެ.

ނޭޝަނަލަ ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނީ އެސިޓީގައި ފެންބޮޑުވެ ބައެއްގޭގެއަށް އަސަރުކުރަމުންދާ ކަމަށެވެ.

މި ގޮތުން 4 ގެއެއްގައި ދިރިއުޅެން ދަތިވާވަރަށް ފެންބޮޑުވެ، އެގޭތަކުގައި ދިރިއުޅޭ އާއިލާތައް ވަގުތީ ހިޔާތަކައް ބަދަލުކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާއެކު ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އައްޑޫ ސިޓީ އަށް ކުރަމުންދާ ވިއްސާރާގައި 30 އަށްވުރެ ގިނަ ގެއަށް ފެން ވަދެފައިވާ ކަމަށެވެ. ހަމައެހެންމެ ރަށުތެރޭ ފެންބޮޑުވުމާ ގުޅިގެން މަގު ހެދުމުގެ ޕްރޮޖެކްޓުގެ ތެރެއިން ކޮނެފައިވާ ވަޅުތަކާއި ލިންކް ރޯޑުގައި ހެދިފައިވާ ވަޅުތަކަށް ސަމާލުވުމަށް އެ ސިޓީގެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ފޭދޫގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް އިން ވަނީ ފެން ހިންދުމުގެ މަސައްކަތް ވެސް ކޮށްފައެވެ.