ލ އަތޮޅުގައި މެރިންޓައިމް ހަބް ތަރައްގީކުރުމަށް ފުރަތަމަ ސާވޭ ކުރިއަށް ގެންގޮސްފިއެވެ.
ލާމު އަތޮޅު ގާދުގައި ތަރައްގީކުރާ "އިންޓަގްރޭޓަޑް މެރިޓައިމް ހަބް"ގެ ކޮންސެޕްޓްއާ ގުޅޭ ފުރަތަމަ ސާވޭތައް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ބުދަ ދުވަހު މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި އެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާގެ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓަޑް (ކެމްސީއީ) އިންނެވެ.
އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ލ އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި މަހުގެ 11 ވަނަ ދުވަހެވެ.
އެމްޕީއެލްއިން ބުނީ އެ މަޝްރޫއުގެ ކޮންސެޕްޓްއާ ގުޅޭ ފުރަތަމަ ސާވޭގައި ސީއޭއެމްސީއީ ކުންފުނިން ބައިވެރިވި ޓީމުގައި ހަތް ތަޖުރިބާކާރުން ހިމެނޭ ކަމަށާއި އެމްޕީއެލްގެ ޓެކްނިކަލް ޓީމެއްވެސް ބައިވެރިވި ކަމަށެވެ.
ލާމު ގާދޫއަކީ ވެލާ ކަހަނބު ބިސްއަޅައިި އަލާވާ ކަމަށް ފާހަގަކުރެވޭ ސަރަހައްދަކަށްވާތީ އެ ކުންފުނިން "އިންޓަގްރޭޓަޑް މެރިޓައިމް ހަބް" ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމާފައިވަނީ ތިމާވެއްޓާ ރައްޓެހި އަދި ގާދޫގެ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކުރެވޭ ކޮންސެޕްޓަކަށް ކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ. އަދި އެ މަޝްރޫއުގެ ތެރޭގައި ގާދޫގައި ވެލާ ކަހަނބު އަރާ ސަރަހައްދު ހިމާޔަތްކޮށް، ކޮންސަވޭޝަން އަދި ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމްކުރުމަށްވެސް ނިންމާފައިވާ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.
އެމްޕީއެލްއިން ބުނީ އެ ޕްރޮޖެކްޓްގެ ކޮންސެޕްޓްގެ މަސައްކަތްތައް ނިންމާލާނީ އެންވަޔަރަމަންޓް މިނިސްޓްރީއާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ފަންނީ ލަފަޔާއި އިރުޝާދު ހޯދުމަށްފަހު ކަމަށެވެ.
އެމްޕީއެލްއިން ބުނީ ލ. އަތޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރާ ކްރޫޒް ޓާމިނަލްއެއް ގާއިމުކުރެވިގެންދާނެ ކަމަށާއި ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީކުރާ އިކޯ ރިސޯޓު ގާއިމްކުރުމަށް ރާވާފައިވާއިރު ސުޕާ ޔޮޓް މެރީނާއެއްވެސް ގާއިމުކުރެވޭނެ ކަމަށެވެ. އަދި މީގެ އިތުރުން "އޮފް ޝޯ ބަންކަރިން" އަދި ޓްރާންޝިޕްމަންޓް ބަނދަރެއްގެ ހިދުމަތްވެސް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.
ލާމު ގާދޫގައި އަކީ މެރިޓައިމްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރަނގަޅު ސަރަހައްދެއްގެ ގޮތުގައި ޒަމާނުންސުރެ ފާހަގަވެފައިވާ ކަމަށާއި އެހެންނަަމަވެސް މިހާތަނަށް އެ ސަރަހައްދުގައި މެރިޓައިމްގެ ހިދުމަތްތައް ތަރައްގީކުރުމަށް މަސައްކަތެއް ނުކުރެވިފައިވާ ކަމަށް އެމްޕީއެލްއިން ބުނެއެވެ.
އެމްޕީއެލްއިން އިތުރަށް ބުނީ ޒަމާނީ ތަރައްގީއާއެކު ލ. އަތޮޅު އަންނަ މެރިޓައިމް ހަބްގެ ހިދުމަތާއެކު އެ އަތޮޅުގެ ރައްޔިތުންނަށް އާމްދަނީގެ ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާއި އެ މަޝްރޫއާއެކު ލ އަތޮޅުގައި ޓޫރިޒަމް ސިނާއަތް ފުޅާވެ، ވަޒީފާ އާއި ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ލާމު އަތޮޅުގެ ރަށްތަކުގައި އުފެދޭނެ ކަމަށެވެ.