ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ނަތީޖާ އިއުލާން ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ފަށައިފިއެވެ.
އީސީ އިން ބުނީ ރަސްމީ ނަތީޖާ އިއުލާންކުރަން ފެށީ އިންތިހާބާ ގުޅިގެން ބޮޑު މައްސަލައެއް ދިމާވެފައި ނުވުމާއި، އަދި އަލުން ވޯޓު ފޮށްޓެއް ގުނަަން ޖެހޭ ހާލަތެއް މެދުވެރިވެފައި ނުވާތީ ކަމަށެވެ.
އީސީ އިން މިފަދައިން ބުނެފައިވާއިރު މި އިންތިހާބު އޮބްޒާވް ކުރަން އައި ބޭރުގެ އޮބްޒާވަރުންގެ ޓީމުންވެސް ވަނީ މި އިންތިހާބަކީ ވަރަށް ރަނގަޅަށް ބެލެހެއްޓި އިންތިހާބެއް ކަމަށާއި މި އިންތިހާބާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އައިސްފައިނުވާ ކަމަށް ބުނެފައެވެ. މިގޮތުން (އީސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮބްޒާވަރު ވިދާޅުވީ މި އިންތިހާބުގައި ވަރަށް ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށާއި ހުރިހާ ވޯޓު ފޮއްޓެއްގައި ވެސް ގަޑިއަށް ވޯޓު ލާން ފެށުނުކަމަށެވެ. އަދި ޗީފް އޮބްޒާވަރު ވަނީ މި އިންތިހާބަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އިންތިހާބެއް ކަމަށް ވިދާޅުވެފައެވެ.
މަޖިލިސް އިންތިހާބުގައި ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއިން ވަނީ 90 ދާއިރާއަކަށް ވާދަކޮށް، މަޖިލީހުގެ 73 ގޮނޑިއާއެކު މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައެވެ. އަދި އިދިކޮޅު އެމްޑީޕީއިން 89 ދާއިރާއަކަށް ވާދަކޮށްފައި ވާއިރު އެ ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.
މީގެއިތުރުން އެމްޑީއޭއިން 2 ގޮނޑި ކާމިޔާބު ކޮށްފައި ވާއިރު ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއަށް ކާމިޔާބު ކުރެވިފައި ވަނީ މަޖިލީހުގެ އެންމެ ގޮނޑިއެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރައްވައި 11 ކެންޑިޑޭޓަކު ވަނީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. ނަމަވެސް ޑިމޮކްރެޓްސް އަދި އަދާލަތު ޕާޓީއިން ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 602 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެގޮތުން މާލޭގައި 181 ވޯޓު ފޮށި އަދި ހުޅުމާލޭގައި 51 ވޯޓު ފޮށި ބަހައްޓާފައިވާއިރު ވިލިމާލޭގައި ބަހައްޓާފައި ވަނީ 9 ވޯޓު ފޮއްޓެވެ. އަދި އަތޮޅު ތެރޭގެ ރަށްތަކުގައި 319 ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު ޖަލުތަކުގައި 5 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މީގެއިތުރުން ރިސޯޓްތަކުގައި ބަހައްޓާފައިވާ 34 ވޯޓު ފޮށީގެ އިތުރުން ރާއްޖެއިން ބޭރުގައި 3 ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ.
މަޖިލިސް އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ. އަދި 2 ލައްކައަށްވުރެ ގިނަ ރައްޔިތުން ވަނީ ވޯޓު ލާފައެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ ރައްޔިތުންގެ 78 ޕަސެންޓު މީހުންނެވެ.