20 ވަނަ ރައްޔިތުން މަޖިލީހުގައި ފެނިގެންދާނީ މަޖިލީހުގެ މައިނޯރިޓީއަށް އިހްތިރާމް ކުރާ މެޖޯރިޓީއެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުން މަޖިލީހުގެ ސުޕަ-މެޖޯރިޓީއާއެކު ވެސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ފެއިލްވި ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުން ވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފެނިގެން ދިޔައީ ސަރުކާރަށް ދަތިކުރުމުގެ މަސައްކަތް ކުރިތަން ކަމަށެވެ. ނަމަވެސް މި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބުނު ކަމުގައި ވިޔަސް އޭގެ ނާޖާއިޒް ފައިދާ ނުނަގާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މައިނޯރިޓީ ޕާޓީގެ ގޮތުގައި ޕީޕީއެމް އަދި ކޮންގްރެސް ޕާޓީއަށް ބޮޑެތި ދަތި އުނދަގުލާ ކުރިމަތިވި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން ބިލުތަކަށް ބަހުސްކޮށް ބިލު ހުށަހަޅާއިރު ވެސް މެޖޯރިޓީގައި ތިއްބެވި މެންބަރުންގެ ފަރާތުން ދަތިތަކާ ފުރައްސާރައާ ކުރިމަތިވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން 20 ވަނަ މަޖިލީހުގައި އެ މަންޒަރުތައް ނުފެންނާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
20 ވަނަ މަޖިލީހުގައި މައިނޯރިޓީއަށް އިހުތިރާމް ކުރާ މެޖޯރިޓީއެއް ފެނިގެންދާނެ ކަމަށާއި ރައްޔިތުން ސަރުކާރަށް މެޖޯރިޓީ ދިނީ ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދެވުމަށް މަޖިލީހުން އެއްބާރުލުން ދިނުމަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ. މަޖިލީހުގައި ޒިންމާދާރު މަސައްކަތްތަކެއް ކުރާތަން ފެނިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނިމިދިޔަ އިންތިހާބުގައި ޕީއެންސީގެ 66 މެންބަރަކު ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް އިންތިހާބު ކާމިޔާބުކުރައްވާފައިވާއިރު އަމިއްލަ ގޮތުން އިންތިހާބުވެވަޑައިގެންނެވި 11 ކެންޑިޑޭޓުންގެ ތެރެއިން 7 ކެންޑިޑޭޓަކު ވަނީ އޭގެ ފަހުން ޕީއެންސީއަށް ސޮއިކުރައްވާފައެވެ.
މި މެންބަރުންގެ އިތުރުން ޕީއެންސީ ކޯލިޝަންގައި ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރުންގެ އިތުރުން އެމްއެންޕީގެ މެންބަރަކު ހިމެނޭއިރު ސުޕަ މެޖޯރިޓީގެ އަދަދު 77 އަށް އަރައެވެ.