އާސަންދަ އިސްލާހު ކުރުމުގެ ވާހަކަ ކުރީ ސަރުކާރުތަކުން ދެއްކިނަމަވެސް އެކަން ކުރުމަށް ސަރުކާތައް އޮތީ ފަސްޖެހިފައިކަމަށާއި ނަމަވެސް ރައީސް ޑރ. މުއިއްޒު އެކަމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއު އެއްގައި ޝަފީގު ވިދާޅުވީ ސަރުކާރު ހިއްސާވާ ނުވަތަ ދައުލަތުގެ ކުންފުނިތަކުގެ ގޮތުގައި މިވަގުތު 32 ކުންފުންޏެއް އެބައޮތް ކަމަށާއި އޭގެ ތެރެއިން ގިނަ ކުންފުނިތަކަކީ ލިބޭ އާމްދަނީއަށްވުރެ ހަރަދު ބޮޑުވެ، ގެއްލުމުގައި ހިންގާ ކުންފުނިތައް ކަމަށެވެ.

މީގެއިތުރުން ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތައް ހިންގަމުންދަނީ އެންމެ ޒިންމާދާރުކޮށް ނޫންކަމަށާއި، އެކުންފުނިތައް ހަރުދަނާކުރަން ޖެހޭކަމަށް ޝަފީގް ވަނީ ވިދާޅުވެފައެވެ. އަދި ދައުލަތަށް ރަނގަޅު އާމްދަނީއެއް ލިބޭ ނުވަތަ ރައްޔިތުން ބޭނުންވާ ގޮތަށް ފައިދާވާގޮތަށް އިންތިޒާމްވެގެން ހިންގާ ކުންފުނިތައް ވަރަށް މަދުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އާސަންދައަކީ ވަރަށް މުހިންމު ޕްރޮގްރާމެއް. ވަރަށް ގިނަ ރައްޔިތުންތަކަށް ފައިދާކުރޭ. އެކަމު އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަންޖެހޭ އާސަންދައިގެ ކަންތައް ދަނީ އެންމެ ރަނގަޅަށް ނޫންކަން. އިސްރާފް ވަރަށް ބޮޑު. އާސަންދައަށް ދޭ ބަޖެޓު އަހަރުން އަހަރަށް ޑަބަލް ވަމުން އެދަނީ. އެއް ބިލިއަނަށް ބަޖެޓުކުރާ ހަރަދު 2 ބިލިއަށް އަރާ. 2 ބިލިއަން ބެޖެޓުކުރީމަ 4 ބިލިއަން ހަރަދުތައް އަރައިގެންދޭ. އެއީ ރައްޔިތުންބޭނުންވާ ގޮތެއް ނޫން.
މިނިސްޓަރު ޝަފީގް

ޝަފީގް ވިދާޅުވީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި ސަބްސިޑީ ދޭންޖެހޭ ހާލަތްތަކާއި، ސަބްސިޑީ އަދި ކެޕިޓަލް ދޭނެ ހަރުދަނާ އުސޫލެއް ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ދައުލަތް ހިއްސާވާ ކުންފުނިތަކަކީ ފައިދާގައި ހިނގާ އަދި ހިންގުމުގައި ދައުލަތުން ހަރަދެއްކުރަން ނުޖެހޭ ތަންތަނަށް ބަދަލުކުރުމަށް ތަންފީޒުކުރާނެ ސިޔާސަތުތަކެއް ރައީސް ޑރ. މުއިިއްޒު މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ކަނޑައަޅުއްވާފައެވެ.