މާތްވެގެންވާ ހަރަމްފުޅު ހިމެނޭ މައްކާ އޮންނަ ސައުދީގެ ވެރިރަށް ރިޔާދުގައި ރާ ފިހާރައެއް ހުޅުވައިފިއެވެ. މިއީ 70 އަހަރު ވަންދެން އެގައުމުގައި ރަލުގެ އެއްވެސް މުއާމަލާތެއް އަދި ވިއްކާތަނެއްވެސް ނެތި ހުރުމަށް ފަހު މިފަގަ ކަމެއް ކުރި ފުރަތަމަ ފަހަރެވެ.
އަލަށް ހުޅުވި މ ފިހާރަ ހުންނަނީ, ވެރިރަށް ރިޔާދުގައި ބޭރުގެ ޑިޕްލޮމޭޓުންނަށް ހާއްސަ ކޮމްޕައުންޑްގެ ތެރޭގައެވެ.
ސައުދީން ބުނެފައި ވަނީ, މިތަނުން ރާ ވިއްކާނީ ބޭރުގެ ފަރަންޖީ ޑިޕްލޮމޭޓުންނަށް އެކަނި ކަމަށާއި މި ފަދަ ހިދުމަތެއް ފެށީ, މަސްތުވާ ޒާތުގެ އެކި އެއްޗެހި ވަގަށް ސައުދީއަށް އެތެރެ ކުރުން ނިމުމަކަށް ގެނައުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.
މި މައްސަލައިގައި ސައުދީގެ ތެރޭގައި ހިލާޔުތަފާތުވުންތައް އުފެދިފައި ވާ އިރު, ސަރުކާރުގެ އޮފިޝަލަކު ވަނީ ވަލީއަހުދު މުހައްމަދާ ދިމާކޮށް ހަށިކޮޅަށް އަތްލާން ވެސް މަސައްކަތް ކުރައްވާފައެވެ. ބައެއް މީހުން ބުނާގޮތުގައި ސައުދީގައި ހުންނަ ބޭރުގެ އެމްބަސީތަކަށް އެތަންތާނގެ އޮފިޝަލުން މަސްތުވާ ޒަތުގެ އެއްޗެހި އެތެރެ ކޮށް އެ ވިއްކާ ވިޔަފާރި ކުރާކަން އެންމެނަށް ވެސް އެނގެއެވެ. އެހެންކަމުން މި އެޅި ފިޔަވަޅާއެކު އެކަންތައް ހުއްޓޭނެ ކަމަށް ދެކޭ މީހުންވެސް އުޅެއެވެ.
ސައުދީގައި ރާ މަނާ ކުރީ 1952 ވަނަ އަހަރު ބޮއެގެން މަސްތުގެ ހާލުގައި ހުރި ސައުދީ ޕްރިންސަކު އިނގިރޭސި ޑިޕްލޮމޭޓަކު މަރާލި ހިސާބުންނެވެ.
އިސްލާމްދީނުގައި ރަލަކީ ހަރާމް އެއްޗެއް ކަމަށް ވާއިރު ސައުދީ އަކީ މުސްލިމް ގައުމެއް ކަމަށް ވުމުން މިކަމާމެދެ އާންމުން ދެކޭގޮތް ވަނީ ތަފާތުވެފައެވެ.