މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ، ރ. ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދިނުމަށް އެދިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އީސީ އިން ބުނީ ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދޭން އެދުނީ މި އިންތިހާބުގައި އެންމެ 4 ވޯޓުގެ ތަފާތަކުން ބަލިވި އިބްރާހިމް އަބްދުއްރަހްމާން ކަމަށެވެ. އެހެންކަމުން މިއަދު، މި މައްސަލަ ބެލުމަށްފަހު ވޯޓު ފޮށިތައް އަލުން ގުނުމާމެދު އެ ކޮމިޝަނުން ގޮތެއް ނިންމާނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދުވާފަރު ދާއިރާއަށް 4 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ. އެ ދާއިރާ އަށް 3479 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު އިންތިހާބުގައި 2841 މީހުން ވަނީ ވޯޓުލާފައެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ދުވާފަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރި 1074 ވޯޓާއެކު ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު އަލީއެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓް އިބްރާހީމް އަބްދުއް ރަހްމާންއަށް ލިބުނީ 1070 ވޯޓެވެ. މީގެ އިތުރުން އެމްޑީޕީގެ އިން ވާދަކުރި އިސްމާއީލް އަހްމަދު އަށް 579 ވޯޓު ލިބިފައިވާއިރު، ޖޭޕީގެ ކެންޑިޑޭޓް އަޒްލީން އަހްމަދު އަށް ލިބުނީ 77 ވޯޓެވެ.

މިއަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންތައްތައް ވަރަށް އޮމާންކަމާއެކު ކުރިއަށް ގެސްފައިވާއިރު މި ފަހަރުގެ އިންތިހާބުގައި އެއްވެސް މައްސަލައެއް ޖެހިފައިނުވާކަން އީސީގެ އިތުރުން އިންތިހާބުގެ ކަންތައްތައް ބެލުމަށް ހަރަކާތްތެރިވި ބޭރުގެ އޮބްޒާވަރުންވެސް ވަނީ ފާހަގަކޮށްފައެވެ.