ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރާއިރު، އެމީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފުސީލު ވެސް އާންމުކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހަޅާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ.
މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަށް އެޑްރެސްކުރައްވާ މުހައްމަދު އިބްރާހީމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ބޯހިޔާވަހިކަމުގެ ބިލުގެ 51 ވަނަ މާއްދާ ނުވަތަ ސޯޝަލް ހައުސިން ޕްރޮގްރާމަށް ކުރިމަތިލާ މީހުންގެ ލިސްޓު އާންމުކުރުމާ ބެހޭ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމަށް އެދިފައެވެ.
ސރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބޯހިޔަވާހިކަމުގެ ބިލުގައި މިހާރު ހިމަނާފައި ކަންކަމުގެ އިތުރުން ދެން ހުށަހަޅާފައިވަނީ ގާނޫނުގައިވާ ގޮތުގެ މަތިން ސޯޝަލް ހައުސިން ޕްރޮގްރާމަކަށް ކުރިމަތިލުމަށް އެދި ހުށަހަޅާ އެންމެންގެ މައުލޫމާތު ހިމެނޭ ލިސްޓެއް ހައުސިން މިނިސްޓްރީން އާންމުކުރަން ޖެހޭ ގޮތަށް ހެދުމަށެވެ. އަދި އެ ލިސްޓުގައި މިހާގެ ވަނަވަރުގެ އިތުރުން ޝަރުތު ހަމަވާކަން ނުވަތަ ނޫންކަން، އަދި ޝަރުތު ހަމަނުވާނަމަ އޭގެ ސަބަބު އަދި ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފުސީލު ހުށަހެޅަންޖެހޭ ގޮތަށް ހެދުމަށެވެ.
މިހާރު ސަރުކާރުން އާންމުކުރާ، ސޯޝަލް ހައުސިން ސްކީމްތަކުން ފްލެޓް ލިބޭ މީހުންގެ ލިސްޓުތަކުގައި ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ޝަރުތު ހަމަނުވާ ސަބަބުން ބަޔާންކޮށްފައި ހުރެއެވެ. އެހެންނަމަވެސް ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފުސީލު ހާމައެއް ނުކުރެއެވެ.