އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން މަސައްކަތްކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް "ޖެއްސުންކޮށް"، ނަފުސާނީ ގޮތުން ބަލިކަށިކޮށްލަން ކަމަށާއި އެ ޕާޓީއަށް 20 ވަނަ މަޖިލީސް އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީގެ ފަހަތުގައި ވަނީ އެ ސަބަބުތައްކަމުގައި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މިއަދު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަލީމް ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުމުން އިދިކޮޅު މެންބަރުން ނަފުސާނީކޮށްލި ކަމަށެވެ. އަދި މާޒީގައި ފެނިގެން ގޮސްފައިވަނީ ސަރުކާރުން ވެރިކަމަށް އައުމަށް ފަހު، ކަންތައްތައް ގޯހުން ގޯހަށްދާ ތަން ކަމަށެވެ. މި ގޮތުން އެމްޑީޕީ އަށް 19 ވަނަ މަޖިލީހުގެ މެޖޯރިޓީ ލިބުމުން އިދިކޮޅު މެންބަރުންނަށް ނަފުސާނީގޮތުން އެތައް އުނދަގޫތަކެއް ކުރިމަތިކުރިވިކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ މަޖިލީހުގައި ވާހަކަދައްކައިލާނެ ފުރުސަތެއް ވެސް ނުދެއްވާ ހުރަސްއަޅުއްވަމުން ގެންދެވި ކަމަށެވެ.
މީގެ އިތުރުން ސަލީމް ވިދާޅުވީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުން ރައީސް މުއިއްޒު އަށް ޖެއްސޭނެ ހުރިހާ އުނދަގުލަކާ، ދައްޗެއް ޖައްސައިގެން ވެސް ނަފުސާނީ ގޮތުން ބަލިކޮށްލުމަށްޓަކައި ކުރި މަސައްކަތަކީ ވަރަށް ވިޔާނުދާ އަމަލުތަކެއްކަމަށެވެ.
ނަފުސާނީ މައްސަލަތައް އެންމެ ބޮޑަށް ކުރިމަތިވެގެން އަންނަނީ ސަރުކާރުތައް ހިންގާގޮތުގެ ސަބަބުންކަން ފާހަގަކޮށް ސަލީމް ވިދާޅުވީ ސަރުކާރު ހިންގާގޮތުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ވިސްނުމަށް ބަދަލު އައުމާ، ނިކަމެތިކަން ރައްޔިތުންނަށް ކުރިމަތިވާކަމަށެވެ. އެހެންނަމަވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، މެޖޯރިޓީގައި އެއްވެސް ބަޔަކަށް ނިކަމެތިކަމެއް ދީގެން ނަފުސާނީ ގޮތުން ބަލިކުރަން މަސައްކަތް ނުކުރައްވާނެކަމަށް ސަލީމް ވިދާޅުވިއެވެ. އަދި އެ މަޖިލީހުން މައިނޯރިޓީއަށްވެސް އިހުތިރާމުކޮށްގެން އެ މީހުން ވެސް ހިތްހަމަޖައްސައިގެން ދުޅަހެޔޮ ސިއްހަތެއްގައި 'އިއްޒަތްތެރި މަޖިލީހުގައި' ތިބުމަށް މަސައްކަތްކުރައްވާނެކަމަށް ސަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން ސަލީމް ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް މަސައްކަތްކުރަން ޖެހޭނީ ރައްޔިތުން ނިކަމެތިކަމުން އެހެން ހާލަތަކަށް ގެނައުމަށް ކަމަށާއި ސަރުކާރުތަކުގެ ޒިންމާއަކީ އެއީކަމުގައެވެ.