ރާއްޖޭގައި ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ ތެރެއިން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ހިންގަމުން އަންނަ ކަމަށާއި މަޝްރޫއުތައް ހިންގޭނީ ރާއްޖޭގެ އިގްތިސޯދަށް ބަލައިގެން ވީ ވަރަކުން ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ލވިދާޅުވީ، ހާލަތަށް ނުބަލައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަތީޖާއާ މިއަދު ދިވެހިން ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެ ގޮތަށް ތަނެއް ދޮރެއް ނުބަލައި ކަންކަން ކުރުން ކޮންމެވެސް ހިސާބަކުން ހުއްޓުވަން ޖެހޭ ކަމަށެވެ. ކުރީ ސަރުކާރުން މަޝްރޫއުތައް ހިންގަމުން އައީ އަދި މަޝްރޫތައް ހިންގުމަސް ފައިސާ ހޯދަމުން އައީ މުސްތަގްބަލަށް ބެލުމެއް ނެތި ކަމަށް ސަލީމް ވިދާޅުވިއެވެ.

ތަރައްގީގެ މަޝްރޫއުތައް ހިންގަން މި ސަރުކާރަށް ވެސް ފުރުސަތު އެބައޮތް ކަމަށާއި އޭގެ ތެރޭގައި ބޭނުން ވަރަކަށް ފައިސާ ޗާޕު ކުރުމާއި ރަށްރަށް ނުއަގުގައި ވިއްކުން އަދި އެކި ތަންތަނުން ލޯނު ނެގުން ހިމެނޭ ކަމަށް ސަލީމް ވިދާޅުވިއެވެ. ރަސްރަށާއި ފަޅުތައް ވިއްކަން ބައވަރު އެ ބަހުރި ކަމަށާއި އެތަންތަން ގަންނާނެ މީހުން ވެސް އެބަ ތިބި ކަމަށް ސަލީމް ވިދާޅުވިއެވެ.

އެގޮތުން އެ ހުރިހާ ރަށެއް މި ފަސް އަހަރު ވިއްކާލެވިދާނެ ކަމަށާއި އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ ރަށްތައް ވިއްކާލައްވައިގެން ފައިސާގެ އުނދަގުލާއި ޑޮލަރުގެ ދަތިކަމާ ކުރިމަތިނުލައްވައި އެމަނިކުފާނަށް ހުންނެވިދާނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. ނަމަވެސް އެއީ ގައުމަށް ޣައްދާރުވުން ކަމަށާއި އެ ކަން ނުކުރައްވާތީ ރައީސް ޑރ. މުއިއްޒަށް ޝުކުރު އަދާކުރަންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް މިހާރު ވެސް އެބަ ހިނގާ ކަމަށާއި މަޝްރޫއުތައް ވެސް ހިންގޭނީ އިގުތިސާދީ ހާލަތަށް ބަލައި ވާ ވަރަކުން ކަަމަށް ސަލީމް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ކޮންމެ ކުންފުންޏެއް އޮތީ 3-6 ބިލިއަން ރުފިޔާއާ ދެމުގެ އަދަދަކުން ދަރާފައި ކަަން ފާހަގަ ކުރައްވަމުން ސަލީމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވީ "ހުރިހާ ކަމެއް ވެސް" ހަމަޖައްސަން ކަމަށާއި ކަންކަން ވެސް ހުރީ ކުރެވޭ ގޮތަށް ކަމަށެވެ. އެކަމަކު ވެރިކަމާ ހަވާލުވެ، ކަންކަން ބެލިއިރު ހާލަތު އޮތީ މާ ގޯސްކޮށް ކަން އެނގިވަޑައިގެން ކަމަށް ސަލީމް ވިދާޅުވިއެވެ.

އޭރު އޮތް ހާލަތުން ރައީސް މުއިއްޒުގެ ސަރުކާރަށް ހިފަހައްޓާލެވޭނީ ހައެއްކަ މަހަށް ކަމަށާއި އެމްޑީޕީ އަށް ވެރިކަން ނުލިބުނީ "ނަސީބަކުން" ކަމަށް އެ ޕާޓީގެ މެންބަރުން ފާހަގަ ކުރައްވަމުންދާ ކަމަށް ސަލީމް ވިދާޅުވިއެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު ގާތްގަނޑަކަށް ދެ އަހަރާ ކައިރި ވަނީ، މިއަދާ ހަމައަށް އެ މަނިކުފާނު އެ ގެންދަވަނީ މި ގައުމަށް ލިބޭ އެއްޗަކުން މާ ބޮޑެތި ދަރަނިތަކެއް ނުނަގައި ހިފަހައްޓަމުން ކަމަށް ސަލީމް ވިދާޅުވިއެވެ.