ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހަމަޖައްސައިފިއެވެ.

އެ މަގާމަށް ސަލީމްގެ ނަން ހުށަހަޅުއްވާފައި ވަނީ ހުޅުދޫ ދާއިރާގެ މެންބަރު އަހުމަދު ޝާހިދެވެ. އަދި ޝާހިދުގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވާފައި ވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙިމް ފަލާހެވެ.

އޭގެ އިތުރުން އެ ކޮމިޓީގެ ނައިބު މުގައްރިރު މަގާމަށް ފަލާހުގެ ނަން ޝާހިދު ހުށަހަޅުއްވާފައި ވާއިރު އެ ހުށަހެޅުއްވުމަށް ސަލީމް ވަނީ ތާއީދު ކުރައްވާފައެވެ. ސަލީމާއި ފަލާހު އެ ދެ މަގާމަށް އިންތިހާބުވެ ވަޑައިގެންފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެން 11 މެންބަރުންގެ އިއްތިފާގުންނެވެ.

ސަލީމާއި ފަލާހުގެ އިތުރުން އެ ކޮމީޓީގައި ދެން ހިމެނިވަޑައިގަންނަވާ 11 މެންބަރުން:

  1. ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް
  2. ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް
  3. ހުޅުދޫ ދާއިރާގެ މެންބަރު އަހުމަދު ޝާހިދު
  4. ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
  5. ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު ޝާމިން ހަބީބް
  6. މަހިނބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު
  7. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ
  8. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު
  9. މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
  10. މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
  11. ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ 18 މެންބަރުން ނަމަވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ އަދަދު 13 އަށް ބަދަލުކޮށް ވަނީ ފާސްކޮށްފައެވެ.