ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ދައުލަތުން ކާރާއި ސެކިއުރިޓީ ހަމަޖައްސައިދިނުމަށް ނޭދޭ ކަމަށް، މަޖިލީހުގެ ނައިބު ރައީސްކަމަށް އިންތިހާބުވި އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ސަލީމް ވިދާޅުވީ އޭނާގެ އަމިއްލަ މަސައްކަތާ، ވިޔަފާރިއަށް ވުރެ ގައުމަށްޓަކައި މަސައްކަތް ކުރުން މުހިންމު ކަމަށެވެ. ސަލީމް ވިދާޅުވީ އޭނާ ހަގީގަތުގައި މި މަގާމު ބޭނުމެއް ނުވާ ކަމަށާއި ނަމަވެސް މަގާމާ ހަވާލުވީ ޕާޓީގެ މަސްލަހަތާއި، އެކުވެރިކަން ދެމެހެއްޓުމަށާއި ޕާޓީގެ ގުޅުން ވަރުގަދަ ކުރުމަށް ކަމަށެވެ.
ޕީއެންސީގައި ތިއްބެވީ ގައުމަށް ވަފާތެރި، ބޮޑާކަމެއް ނެތް ބޭފުޅުންކަން ފާހަގަކުރައްވަމުން ސަލީމް ވަނީ ސިއްހީ ހާލަތު ހުރި ގޮތުން ގާބިލު އެހެން ބޭފުޅަކަށް ފުރުސަތު ދެއްވުމަށްޓަކައި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވިކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ސަލީމް ވިދާޅުވީ މަގާމުގެ ހައިސިއްޔަތުން ދައުލަތުގެ ކާރަކާ ހަވާލުވާން މަޖިލީހުގެ އިދާރާއިން ގުޅާފައި ދެންނެވި ކަަމަށާއި ނަމަވެސް، އެކަން ބޭނުން ނުވާކަމަށެވެ. އޭނާ ބޭނުންވަނީ އާދައިގެ ގޮތަކަށް، މީހެއްގެ ސައިކަލް ފަހަތުގައި ވެސް ދަތުރުކުރައްވަންކަން ހާމަކުުރައްވަމުން ސަލީމް ވިދާޅުވީ އޭނާގެ ސެކިއުރިޓީ "ހެއްދެވި ފަރާތާ" ހަވާލުކުރައްވާފައިވާކަމަށެވެ.
