ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވީ ނަމަވެސް، ކަންކަން ހިންގުމުގައި އެ ނިޒާމުގެ ސިފަ ބަދަލުވާ ގޮތަށް ބައެއް ކައުންސިލްތަކުން އަމަލުކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅިފައިވާ ޕެޓިޝަންތަކުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ، ބައެއް ކައުންސިލްތަކަށް އެއީ ވަކި ސަރުކާރެކޭ ހީވާ މިންވަރަށް ކަންކަން ގޮސްފައިވާ ކަމަށެވެ. އެގޮތުން ރަށްރަށުގެ މެދުގައި މައްސަލަޖެހި، ކައުންސިލްތަކުގެ ނުފޫޒުން އެއް ރަށުން އަނެއް ރަށަށް ނޭރޭ ހިސާބަށް ކަންކަން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ސަލީމް އިތުރަށް ވިދާޅުވީ، މި މައްސަލައަށް އެކަށީގެންވާ ހައްލެއް ނުހޯދިއްޖެނަމަ ކުރިއަށް އޮތް 10 އަހަރު ތެރޭގައި ކޮންމެ އަތޮޅަކުން މައި ސަރުކާރުގެ ބާރު ނުފޯރުވޭނެ ކަމަށް ބުނެ، ވަކި ސަރުކާރެއްގެ ގޮތުގައި ދައުވާކުރަން ފަށާފާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. އަދި އެއީ އެއްވެސް ސިޔާސީ ޕާޓީއަކުން އެދޭނެ ގޮތެއް ނޫން ކަމަށާއި، އެފަދަ ހާލަތެއް އުފެދުމުގެ ކުރިން ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގައި މިހާރު ބަހުސް ކުރެވެމުންދަނީ ކައުންސިލްތަކުގެ ބިންތައް ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން އަތުލެވޭ ގޮތަށް ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް ހުށަހެޅުނު ޕެޓިޝަނާއި، އެ އިސްލާހު އޮތްގޮތަށް ފާސްކުރުމަށް އެދި ހުށަހެޅިފައިވާ ޕެޓިޝަނާއެކުގައެވެ.
