ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބަކީ ވަރަށް ރަނގަޅަށް ބެލެހެއްޓި އިންތިހާބެއް ކަމަށާއި މި އިންތިހާބާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އައިސްފައިނުވާ ކަމަށް މި އިންތިހާބު އޮބްޒާވް ކުރުމަށްޓަކައި ރާއްޖެއިން ބޭރުން އައި އޮބްޒާވަރުންގެ ޓީމުން ބުނެފިއެވެ.

މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮބްޒާވަރު ވިދާޅުވީ މި އިންތިހާބުގައި ވަރަށް ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ހުރިހާ ވޯޓު ފޮއްޓެއްގައި ވެސް ގަޑިއަށް ވޯޓު ލާން ފެށުނުކަން ފާހަގަކުރައްވާ ވިދާޅުވީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް މި އިންތިހާބު ފެތޭ ކަމަށެވެ.

މީގެ އިތުރުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވި 90 ޕަސެންޓު މީހުންނަކީ އަންހެނުންކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މިއީ ފަހުރުވެރި ވާން ޖެހޭ ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުކަރުދާސް ދެއްކުމާއި ހުރަސްއެޅުން ފަދަ މައްސަލައިގައި އިއްޔެ 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ވޯޓު ކަރުދާސް ދެއްކި މައްސަލައަކާއި ގުޅިގެން މާލެއިން އެކަކު އަދި ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީއިން ދެ މީހަކު ކަމަށެވެ. މި ތިން މީހުންވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.

އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ. އަދި 2 ލައްކައަށްވުރެ ގިނަ ރައްޔިތުން ވަނީ ވޯޓު ލާފައެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ ރައްޔިތުންގެ 78 ޕަސެންޓު މީހުންނެވެ.