ދޮގު ދޮލަނގުތަކަށް ތަކެތި އަޅައިން އިދިކޮޅުން ވިއްކަން ނުކުތަސް އަދި ރައީސްގެ އަނބުރު ކަތިލާ އަމާޒެއް ސިޔާސަތެއް ނެތި އެންޓި ކެމްޕެއިނެއް ކުރިނަމަވެސް އެކަން ކާމިޔާބު ނުވާ ކަމަށާއި އެފަދަ ކަންކަން ރައްޔިތުން ބަލައި ނުގަތް ކަމަށް ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ ވިދާޅުވީ ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ނަތީޖާއިން ޔަގީންވެގެން ދިޔައީ ރައީސް ޑރ. މުއިއްޒަށް ރައްޔިތުންގެ އިތުބާރާއި ލޯބި އޮތްކަމާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ރައްޔިތުން ތާއީދުކުރާކަމެވެ. ހީނާ ވިދާޅުވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރައްޔިތުންނަށްޓަކައި އެމަނިކުފާނު ކޮށްދެއްވި ކަންކަން ރައްޔިތުން ބަލައިގަނެފައިވާކަމަށެވެ.

ދޮގު ދޮލަނގުތަކަށް އެކި ބާވަތްތައް އަޅައިގެން ވިއްކަން ނުކުތަސް، އެކި ދިމަދިމާލުން ނުކުމެ ރައީސްގެ އަބުރު ކަތިލާ އެއްވެސް އަމާޒެއް ސިޔާސަތެއްނެތި އެންޓި ކެމްޕެއިނެއް ކުރިއަސް، އިދިކޮޅު އެންމެ ބައިވެރިވެގެން އެމަނިކުފާނުގެ ބޮލުގައި ދޮގު އިލްޒާމް އަޅުވަން އެކި ރިޕޯޓް ނެރުނަސް، އެކި ދިމަދިމާލަށް މަންދޫބުން ފޮނުވައިގެން އެކިކަހަލަ އުކުޅުތައް ބޭނުންކުރިޔަސް، ދޮގާ މަކަރާ ހީލަތް ރައްޔިތުން ބަލައެއް ނުގައިން. ރައްޔިތުންނަށް ހަގީގަތް ވަރަށް ސާފު
ހީނާ ވަލީދު

ހީނާ އިތުރަށް ވިދާޅުވީ އިންތިހާބުގެ ނަތީޖާއިން ސާފުވެގެން ދިޔައީ ރައްޔިތުން 5 އަހަރު ދުވަހަށް ވެރިއަކު ހޮވާ ޒިންމާތަކެއް ހަވާލުކުރެވިފައިވަނިކޮށް ހީލަތްތެރި ރޭވުންތަކުގެ ތެރެއިން ރައީސް އަޒުލުކުރަން ރައްޔިތުން ޖާގައެއް ނުދޭނެކަން ކަމަށެވެ. މީގެއިތުރުން ރައީސް ޑރ. މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއިން ވަނީ 90 ދާއިރާއަކަށް ވާދަކޮށް، މަޖިލީހުގެ 71 ގޮނޑިއާއެކު މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައެވެ. އަދި އިދިކޮޅު އެމްޑީޕީއިން 89 ދާއިރާއަކަށް ވާދަކޮށްފައިވާއިރު އެ ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.

މީގެއިތުރުން އެމްޑީއޭއިން 2 ގޮނޑި ކާމިޔާބުކޮށްފައިވާއިރު ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއަށް ކާމިޔާބު ކުރެވިފައި ވަނީ މަޖިލީހުގެ އެންމެ ގޮނޑިއެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި 6 ކެންޑިޑޭޓަކު ވެސް ވަނީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. ނަމަވެސް ޑިމޮކްރެޓްސް އަދި އަދާލަތު ޕާޓީއިން ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ.